ފުރަތަމަ ފަހަރަށް ވަޒީރުންގެ މަޖިލިސް އޮންލައިންކޮށް ބާއްވައިފިއެވެ.
ފުރަތަމަ ފަހަރަށް ވަޒީރުންގެ މަޖިލިސް އޮންލައިންކޮށް ބާއްވާފައި ވަނީ ކޮވިޑް-19ގެ ސަބަބުން މާލެ ސަހަރައްދު ލޮކްޑައުން ކޮށްފައިވުމުގެ ސަބަބުންނެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މި ޖަލްސާ ބާއްވާފައި ވަނީ މިއަދު މެންދުރު ފަހެވެ. މި ޖަލްސާގައި ކޮވިޑް-19 ގެ މިހާރުގެ ހާލަތާގުޅޭގޮތުން ވަޒީރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިއަދުގެ ޖަލްސާގައި، ކޮވިޑް-19ގެ ސަބަބުން މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ލުއިދިނުމުގައި އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވިއެވެ. އަދި މިކަމުން އަރައިގަތުމަށްޓަކައި ހުރިހާ ވުޒާރާތަކުންވެސް ރާވަމުން ގެންދާ ކަންތައްތަކާއި ގައުމު އާރާސްތު ކުރުމަށް އިތުރަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުންވެސް މެންބަރުން ވާހަކަ ދެއްކެވިއެވެ.
މި ބަލި ދުނިޔޭގައި ފެތުރެން ފެށި ހިސާބުން ދިވެހިރާއްޖޭގައި މި ބަލި ފެތުރުން ކުޑަކުރުމާއެކު ފަންނީ މާހިރުންގެ ލަފާގެމަތިން ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަސު ސޯލިހްގެ އިރުޝާދާއެކު އަޅާފައިވާ އަދި އަޅަމުން ގެންދަވާ ހިކުމަތްތެރި ފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދުގެ ޖަލްސާގައި ފާހަގަކުރެއްވިއެވެ.
ކޯވިޑް-19 އިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރުމަށް އެކި ވުޒާރާތަކުން ގުޅިގެން ކުރަމުންގެންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރައީސް ސޯލިހް ވަނީ ޝުކުރު އަދާކުރައްވާފައެވެ.