ވައިރަލްވި ވީޑިއޯއެއްގެ ސަބަބުން އާއިލާގެ އަބުރާ ޝަރަފަށް އުނިކަން ލިބޭކަމަށް ބުނެ ޕާކިސްތާނުގައި ފުރާވަރު އުމުރުގެ 2 އަންހެން ކުދިން މަރާލި މައްސަލާގައި، އެ ޖަރީމާ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
18 އަހަރާ 16 އަހަރުގެ ދެބެންގެ ދެދަރި 2 އަންހެން ކުދިން މަރާލާފައިވަނީ މީގެ ހަފުތާއެއްހާ ދުވަސްކުރިންނެވެ. މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މުޙައްމަދު އަސްލަމް ކިއާ މީހެކެވެ. މިއީ މަރާލާފައިވާ ދެބެންގެ ދެދަރި 2 ކުދިންނާ ދެބެންގެ ދެދަރިކަމުގެ ގުޅުން އޮންނަ މީހެއް ކަމަށް ޚަބަރު ލިބެއެވެ.
ސޯޝަލް މީޑިއާގައި ދާދިފަހުން ވައިރަލްވި ވީޑިއޯއިން ފެންނަނީ އެކަހެރި މާހައުލެއްގައި 3 އަންހެންކުއްޖަކާ ފިރިހެނަކު ބައްދަލުކުރަމުންދާ މަންޒަރެވެ. އަދި 2 ކުއްޖަކާ ބަދު އަޚުލާގީ އަމަލު ހިންގާތީވެސް ފެނެއެވެ. މިއީ މީގެ އަހަރެއްހާ ދުވަސްކުރިން ރެކޯޑްކޮށްފައިވާ މަންޒަރުތަކަކަށްވާއިރު، މި ވިޑީއޯއިން ފެންނަ ފިރިހެން މީހާއާއި، ވީޑިއޯ ރެކޯޑްކުރި ފޯނުގެ ވެރި ފަރާތާ، މަރާލާފައިވާ 2 އަންހެން ކުދިންގެ އާއިލާގެ ބައެއް މެމްބަރުންވެސް މިވަގުތު ތިބީ ޕާކިސްތާނު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ޚަބަރު ލިބެއެވެ.
52 ސިކުންގެ މި ވީޑިއޯއިން ފެންނަ ފިރިހެން މީހާކީ، އުމުރުން 28 އަހަރުގެ އުމަރު އަޔާޒް ނަމަކަށް ކިއާ މީހެކެވެ. 2 އަންހެން ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި މިމީހާ އާއި ދެކޮޅަށް ދައުވާ އުފުލާފައިވަނީ، "ހަޑިހުތުރު" ވީޑިއޯ އުފެއްދި ކަމުގެ ތުހުމަތުގައެވެ. މި ފިރިހެން މީހާއަކީ ކައިވެންޏެއް ކޮށް، ދެ ދަރިންވެސް ހުންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ޚަބަރު ލިބެއެވެ.
ޕާކިސްތާނުގެ ފުލުހުން ބުނާ ގޮތުގައި، ވީޑިއޯއިން ފެންނަ 3 ވަނަ އަންހެން ކުއްޖަކީ މަރާލާފައިވާ ދެ ކުދިންގެ ގާތިލާ ކައިވެނިކޮށްގެން އުޅޭ ކުއްޖެކެވެ. 3 ވަނަ ކުއްޖާއާއި މެދު އަޔާޒް އެއްވެސް ކަހަލަ ބަދުއަހުލާގީ އަމަލެއް ހިންގާފައެއް ނުވެއެވެ. ކަންމިހެން އޮތްއިރު، 3 ވަނަ ކުއްޖާ އަދިވެސް ފެނިފައި ނުވާކަމަށާ، އޭނާ އުޅެނީ ފިލައިގެން ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ ފުލުހުން ބުނެއެވެ.