ރާއްޖޭގައި ތިބި ޔޫރަޕްގެ 47 މީހަކާއި އިންޑޮނޭޝިއާ 190 މީހުން އެނބުރި ގައުމަށް ފުރައިފިއެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ 237 މީހަކު އެނބުރި ގައުމަށް ފުރައިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ޔޫރަޕުގެ ގައުމުތަކަށް ނިސްބަތްވާ 47 މީހަކާއި އިންޑޮނޭޝިއާގެ 190 މީހެއް ކަމަށެވެ.
މިއަދު ފުރި ޔޫރަޕުގެ ގައުމުތަކުގެ 47 މީހުން އެނބުރި ގައުމުތަކަށް ދާނީ ކޮލަމްބޯ މަގުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އިންޑޮނޭޝިއާގެ 190 ރައްޔިތުން ފުރާފައި ވަނީ އިންޑޮނޭޝިއާއިން އެމީހުން ބަލާ އައި ފްލައިޓަކުންނެވެ.
ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މީހުން އެނބުރި ގައުމަށް ފޮނުވުމަށް ހާއްސަ ފްލައިޓުތައް ދަނީ ބާއްވަމުންނެވެ. އެގޮތުން މޯލްޑިވިއަންގެ ޗާޓާޑް ދަތުރުތައް ބައެއް ގައުމުތަކަށް ކުރަމުންދާއިރު، އެކި ގައުމުތަކުން ދަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ގެންދިޔުމަށް ފްލައިޓުތައް ބާއްވަމުންނެވެ.
އެގޮތުން މި މަހުގެ 17 ވަނަ ދުވަހު ތައިލޭންޑުގެ 168 މީހުންނާއި ބަންގްލަދޭޝްގެ 67 މީހުން ވަނީ އެމީހުންގެ ގައުމަށް އެނބުރި ފުރާފައެވެ. ހަމައެއާއެކު މި މަހުގެ 16 ވަނަ ދުވަހު ބަންގްލަދޭޝްގެ 353 މީހުން އަދި މި މަހުގެ 15 ވަނަ ދުވަހު އިންޑިއާގެ 588 މީހުން ވަނީ އެނބުރި ގައުމަށް ފުރާފައެވެ. އަދި މި މަހުގެ 15 ވަނަ ދުވަހު ސްރީލަންކާގެ 285 މީހުންނާއި، ޖަޕާންގެ 14 މީހުންނާއި ކޮރެއާގެ 2 މީހުންވެސް ވަނީ އެނބުރި ގައުމަށް ފުރާފައެވެ.