ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ 19 އިން އަންނަ ޖޫން މަހުގެ ނިޔަލަށް ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ވާތީ އަދި ލޮކްޑައުންގެ ސަބަބުން މާލޭ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި ވާތީ އެ މުއްދަތުގެ ތެރޭގައި ޓުއަރިސްޓު ވިސާ، ޑިޕެންޑެންޓު ވީސާ، ވޯކް ވިސާ އަދި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކުރުމާއި ވިސާއަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ހުރިކަން އިމިގްރޭޝަނަށް ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން، މިދިޔަ މާޗު މަހުގެ 19 ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ ނިޔަލަށް ވިސާގެ މުއްދަތު ހަމަވާ ފަރަތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭ ގޮތަށް ހަމަޖއްސާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ވިސާގެ މުއްދަތް ހަމަވާ ފަރާތްތަކުން ޖުރިމަނާ ފައިސާ ނުނަގާ ގޮތަށް އިމިގްރޭޝަނުން ހަމަޖައްސާފައިވާ އިރު، އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ޑިޕެންޑެންޓް ވިސާ، ސްޓޫޑެންޓް ވިސާ ފަދަ ވިސާތަކަށް އެދެވޭނެ އިންތިޒާމު ވެސް މީގެ ކުރިން އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ.