ބޭ އޮފް ބެންގޯލް ސަރަހައްދުގެ ތާރީޚުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން 'އަމްފާން' އިންޑިއާއަށް އަރާ، ކަލްކަތާ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އިރުމަތީ އިންޑިއާއާއި ބަންގްލަދޭޝްއަށް މި ތޫފާން އަރާފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ބާރު ވަޔާއި ގަދަ ވިއްސާރައާ އެކު އެރި މި ތޫފާނުގައި އައްސޭރި ފަށުގެ ސަރަހައްދު ތަކުން 15 މީހެއްގެ ފުރާނަ ގެއްލިފައި ވާކަމަށް ޚަބަރު ލިބެއެވެ.

ތޫފާން އަމްފާންއަކީ ބޭ އޮފް ބެންގޯލްގެ ތާރީޚުގައިވެސް ރެކޯޑްކުުރެވިފައިވާ އެންމެ ބާރުގަދަ ތޫފާން/ފޮޓޯ: ނިއުސްޑް

އިންޑިއާގެ ކަލްކަތާއަށް ބަލާ އިރު 14 މިލިއަނެއް ހާ މީހުން ވަނީ ކަރަންޓާއި، މުއާސަލާތީ ހިދުމަތް ތަކުން މަހްރޫމް ވެފައެވެ. އިންޑިއާގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައި ވާތާ މިހާރު 17 ގަޑިއިރަށް ވުރެ ގިނަ އިރު ވެއްޖެއެވެ.

ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމާތާ ބެނާރްޖީ ވިދާޅުވީ، ތޫފާން އަމްފާންގައި ލިބުނު ގެއްލުމަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގައި ލިބުނު ގެއްލުމަށް ވުރެ ބޮޑު ކާރިސާއަކާ ކުރިމަތި ކުރުވި ގެއްލުމެއް ކަމަށެވެ.

ތޫފާން އަމްފާންގައި ގަސްތައްވެސް ވަނީ މުލުހުން ލުހިފަ/ފޮޓޯ: ފްރާންސް24

ކަލްކަތާއަކީ ވެސްޓް ބެންގޯލްގެ ވެރިކަން ކުރާ ސަރަހައްދެވެ. މި ސަރަހައްދުން 3103 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.

އިންޑިއާގެ ދުވަހު ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ބެނާރްޖީ ވިދާޅުވީ، ތޫފާން އަރާ ކަލްކަތާ ސުންނާފަތި ކޮށްލާފައި ވާއިރު މިހާރު ތަޖުރިބާ ކުރެވެމުން ދަނީ، ހަނގުރާމައަކަށް ފަހު ކުރެވެމުން ދާ ފަދަ އިހުސާސެއް ކަމަށެވެ.

ތޫފާން އަމްފާންއާއި ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތްކުރަނީ ކޮވިޑް-19ގެ ސަލާމަތީ ފިޔަވަޅުތަކަށް ބަލައިގެން/ފޮޓޯ: ޑައިރެކްޓް ރިލީފް

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް މަންޒަރުތަކަށް ބަލާއިރު، ކަރަންޓް ޓްރާންސްފޯމަރުތައް ގޮވާ ބިރުވެރި މަންޒަރުތައްވެސް ފެނެއެވެ. މީގެ އިތުރުން ގަސްތައް މުލުން ލުހިގެން ދާ މަންޒަރާއި، ހޮޅިދަނޑިތަކާއި ޓްރެފިކް ލައިޓްތައް ނައްޓައިގެންދާ މަންޒަރުވެސް ފެނެއެވެ.

އުސް އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުން ސޯޝަލް މީޑިއާގައި އާންމުކުރި ބައެއް ޕޯސްޓްތަކަށް ބަލާއިރު، މުޅި އިމާރާތްވެސް ވަޔާ ހޫރެމުން ދިޔަ ފަދަ އިހުސާސްތަކެއް ކުރެވުނު ކަމަށް ބަޔާންކޮށްފައި ވެއެވެ. ބައެއް މީހުން ކިޔައިދީފައިވާ ގޮތުގައި މަގުތަކުގައި ފެން ބޮޑުވެ، އެންމެ ތިރީ ފަންގިފިލާގައި ފެންބޮޑުވުމަށް ނެގީ އެންމެ 45 މިނެޓެއް ހާއިރެވެ.

މިދަނޑިވަޅަކީ ކޮވިޑް-19އާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅަކަށް ވާއިތު ތޫފާނުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ވެސް ވަނީ ހުރަސްތަކެއް ކުރިމަތި ވެފައެވެ. ތޫފާނުގެ އިންޒާރާއެކު އެތައް މިލިއަން ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައި ވާއިރު، މިކަންވެސް ކޮށްފައި ވަނީ އިޖުތިމާއީ ގައިދުރުކަން ދަމަހައްޓައިގެންނެވެ. ވަގުތީ ހިޔާތައްވެސް ފަރުމާ ކޮށްފައި ވަނީ މިކަމަށް ވިސްނައިގެންނެވެ. ނަމަވެސް، އިންޑިއާގައި މިފަދަ ބައެއް ތަންތަނަކީ ކޮވިޑް-19ގެ ކަރަންޓީނު ފެސިލިޓީ ތަކެއްގެ ގޮތުގައި މިވަގުތު ބޭނުން ކުރަމުން އަންނަ ތަންތަން ކަމަށް ވާއިރު، ޖާގައިގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.