ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި، ޝިފާ ލިބި، އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 2 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.
މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއް ވެސް ހޯދިފައި ނުވާ ކޮވިޑް-19އަށް ޕޮޒިޓިވް ވި 5 މިލިއަނަށް ވުރެ ގިނަ މީހުންގެ ތެރެއިން 2024222 މީހަކަށް ޝިފާ ލިބިފައި ވާކަމަށް އެންމެ ފަހުގެ ރެކޯޑްތަކުން ދައްކައެވެ.
ކޮވިޑް-19ގެ ކޭސްތައް ފެނި، އެ ބަލި ޖެހުނު މީހުންނަށް ޝިފާ ލިބުނު ފަހުން އިތުރު ކޭސްތަކެއް ފެނިފައި ނުވާ ބައެއް ގައުމުތަކާ ސަރަހައްދު ތަކަށް ބަލާއިރު ކެރީބިއަން ނެދަލަންޑްސް، ޕަޕުއާ ނިއު ގިނީ، ގްރީލަންޑް، ސީޝެލްސް، ޑޮމިނިކާ، އެރިޓްރިއާ، މަކާއޯ އަދި ކެމްބޯޑިއާ ފާހަގަ ކުރެވެއެވެ.
ކޮވިޑް-19އަށް މިހާރުވެސް ޕޭޝަންޓުންނަށް ފަރުވާ ދެމުންދާ ގައުމުތަކަށް ބަލާ އިރު، އެކްޓިވް ކޭސްތައް އެންމެ ގިނައީ އެމެރިކާގައެވެ. އެކްޓިވް ކޭސް އެންމެ ގިނަ 5 ގައުމުގެ ތެރޭގައި އަވަށްޓެރި އިންޑިއާވެސް ހިމެނެއެވެ.
- އެމެރިކާ: 1593039 ޖުމްލަ ކޭސް | 1127286 އެކްޓިވް ކޭސް
- ރަޝިއާ: 308705 ޖުމްލަ ކޭސް | 220341 އެކްޓިވް ކޭސް
- ބްރެޒިލް: 293357 ޖުމްލަ ކޭސް | 157780 އެކްޓިވް ކޭސް
- ފަރަންސޭސިވިލާތް: 181575 ޖުމްލަ ކޭސް | 90089 އެކްޓިވް ކޭސް
- އިންޑިއާ: 112442 ޖުމްލަ ކޭސް | 63582 އެކްޓިވް ކޭސް
ކޮވިޑް-19ގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ސީރިއަސް / ކުރިޓިކަލް ހާލުގައިވާ ޕޭޝަންޓުން އެންމެ ގިނައީވެސް އެމެރިކާގައި ކަމަށް ވާއިރު، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާއިން އެކަނިވެސް 94941 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 329732 އަށް އަރާފައެވެ.