ކޮވިޑް19އާ ގުޅިގެން ވިޔަފާރިތަކަށް ލިބިފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ދޫކުރާ ރިލީޕް ޕެކޭޖުގެ ދަށުން މިހާތަނަށް ބީއެމްއެލް އިން 98 ވިޔަފާރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޮވިޑް19އާ ގުޅިގެން ފަސްވަނަ ފަހަރަށް ގައުމާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިޒޯޓުތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރަން ނިންމައި، އޭގެތެރެއިން 98 ވިޔަފާރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ.
ކުދި ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް، (ޖުމްލަ 530 ފަރާތަކަށް) ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ވިޔަފާރިތަކަށާއި އެކި ކަންކަމަށް، އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އަދި އެސްޑީއެފްސީ އާއި ރާއްޖޭގައި ހިންގާ 8 ބޭންކަކުން ބައިވެރިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ތަންތަނުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ފަސްކޮށްދީފައިވާ ކަމަށާއި އޭގެ ތެރެއިން 83 އިންސައްތަ ލޯނު، [13199 ލޯނު] އަކީ ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށްވެސް، ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް، ހާއްސަ ޕެކޭޖެއް ކަނޑައެޅިފައި އެބައޮތް ކަމަށެވެ. އެފަދަ މީހުން ދެނެގަނެ، އެއިން ކޮންމެ މީހަކަށް، މަހެއްގެ މައްޗަށް 5000 ރުފިޔާގެ ރޭޓުން އެލަވަންސް ދޫކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
މިރޭގެ ހިތާބުގައި ރައީސް ވަނީ ލޮކްޑައުންގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ވިޔަފާރި ކުރުމާއި، މިސްކިތްތަކުގައި ނަމާދު ކުރުމާއި، ސައިހޮޓާ ރެސްޓޯރަންޓުތަކާއި އޮފީސްތަކާއި ސްކޫލުތައް ހުޅުވުމުގައިވެސް ލުއިތަކެއް ދެއްވާނެ ކަަމަށް ވިދާޅުވިއެވެ.