މާލެއިން ރަށްރަށަށްދާ މީހުން، އެމީހެއްގެ ރަށުގައި ކަރަންޓީނު ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، މިރޭ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ސޯލިހް ވިދާޅު، މާލެއިން ރަށްރަށަށް ދާ މީހުން، ވަކި މުއްދަތަކަށް ކަރަންޓީނުގައި ބައިތިއްބަން ޖެހެނީ، ރަށްރަށުގައި މިބަލި ފެތުރުމުގެ ފުރުސަތު ހަނިކުރުމަށް ކަމަށެވެ. އަދި މާލޭގައި މި ބަލި ފެތުރިފައި ވާތީ، މާލެއިން ރަށްރަށަށް ދާ މީހުން، އެމީހެއްގެ ރަށުގައި ކަރަންޓީނު ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި އެއީ، އެ ރަށްރަށުންވެސް ބޭނުންވާ ގޮތެއް ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ސަބަބުން ވިޔަސް، އެއްވެސް ރަށެއްގައި މި ބަލި ފެތުރެން ފަށައިފިނަމަ، އެ ރަށެއްގައި މި ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ ކަމަށެވެ. އަދި އެރަށެއްގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން، އެ ރަށެއްގެ ރައްޔިތުންނަށް، މާގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމާ މުހާތަބު ކުރައްވާ ރައީސް ސޯލިހް ވަނީ ފުރަބަންދުގެ ދަތިތަކާއި އުނދަގޫތައް ތަހައްމަލްކޮށް، މި ބަލި ކޮންޓްރޯލް ކުރުމުގައި ރައްޔިތުން ދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެންމެ ދެ ތިން ދުވަހަށް މާލެ އައިސް، ނުވަތަ ތުއްތު ދަރިފުޅު ރަށުގައި ބަހައްޓާފައި ބޭހަށް މާލެ އައިސް، އެތައް ދުވަހެއް ވަންދެންވެސް މާލޭގައި މީހުން އެބަ ތިބިކަން އެނގިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރިޒޯޓު މުވައްޒަފުން ކަރަންޓީން ނިމި، އެނބުރި ރަށަށް ދިޔުމަށްޓަކައި މާލެއިން ފުރަން އުޅެނިކޮށް، އަނެއްކާ މާލޭގައި ބަންދުވި ކިތަންމެ ބަޔަކު އެބަތިބި ކަމަށެވެ. އަދި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ތިބި ކިތަންމެ ބަޔަކުވެސް ނުފުރިފައި އެބަތިބި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ، ފުރަބަންދުގެ ސަބަބުން މާލޭގައި ބަންދުވެފައި ތިބި މީހުންގެ ތެރެއިން، ކޮންމެހެން ރަށަށް ދާންޖެހޭ ކަމަށް ފާހަގަ ކުރެވެނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި ކަރަންޓީނަށް ފޮނުވިފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުން، މިމަހު 24ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ ކަމަށާއި އިއްޔެގެ ނިޔަލަށް 3016 މީހަކު މާލެ އައުމަށް ހުއްދަ ދެވިއްޖެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.