ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިތުރު ތިން މަސް ދުވަހަށް ރައީސް އާއި ނައިބު ރައީސް އާއި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އިސް މަގާމުތަކުގައި ތިއްބަވާ ބެފުޅުންގެ މުސާރާ ކުޑަކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކުރީ 64 މެންބަރުންގެ ވޯޓުންނެވެ. ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
މިއަދު މަޖިލީހުގައި އިސް މަގާމުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ކުޑަކުރަން ނިންމާފައި ވަނީ މި މަހުގެ މުސާރައާއި އަންނަ މަހުގެ މުސާރައާއި އަންނަ ޖުލައި މަހުގެ މުސާރައެވެ. މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އިސް މަގާމްތަކުގައި ތިބި ބޭފުޅުންގެ މުސާރަ ކުޑަކުރަން ނިންމާފައި ވަނީ މިދިޔަ މާޗް މަހާއި އޭޕްރީލް މަހަށެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ވަނީ 20،001 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓް އުނިކުރުމަށެވެ. 3،0001 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް އަދި 60،001 ރުފިޔާއިން ފެށިގެން މަތީގެ މުސާރަތަކުން 35 ޕަސެންޓް އުނި ކުރުމަށެވެ. މަޖިލީހުގެ މެންބަރަކަށް މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 42،000 ރުފިޔާ އެވެ. މެންބަރުންގެ މުސާރައިން 30 ޕަސެންޓް އުނިވާނެ އެވެ. އެހެންކަމުން މެންބަރުންގެ މުސާރައިން 12،600 ރުފިޔާ އުނިވާނެއެވެ.
މަޖިލީހުން މިގޮތަށް ފާސް ކުރި އިރު މިއީ މިނިސްޓްރީ އޮފް ފިނޭންސުންވެސް ނިންމާފައި އޮތް ގޮތެވެ.