މިހާތަނަށް އެމެރިކާއާއި އިސްރާއީލާއެކު ފަލަސްތީނުން ވެފައިވާ ހުރިހާ އެއްބަސްވުމަކީ ބާތިލު ވެފައިވާ އެއްބަސްވުންތަކެއް ކަމުގައި ފަލަސްތީނުގެ ސަރުކާރުން ގަބޫލުކުރާ ކަމަށް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިފަދަ ރޫހެއްގައި ވާހަކަފުޅުދައްކަވާފައި މިވަނީ، އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތައް، އިސްރާއީލުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންދިއުމަށް އިސްރާއީލުގެ ހުދުމުހުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫ އިސްކޮށް ހުރެގެން ހިންގާ ގުޅިފައިވާ ސަރުކާރުން ވައުދުވުމާ ގުޅިގެންނެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައްބާސް މިކަން ހާމަކުރައްވާފައި ވަނީ، އިސްރާއީލުގެ ރޭވުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރާމައްޟާގައި ކުރިއަށް ގެންދެވި ކުއްލި ބައްދަލުވުމަކަށް ފަހުގައެވެ.

އެގޮތުން ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)އާއި ފަލަސްތީނުގެ ދައުލަތަކީ، އެމެރިކާއާއި އިސްރާއީލުގެ ސަރުކާރުތަކާއެކު ވެފައިވާ ހުރިހާ އެއްބަސްވުމަކާ، އެ އެއްބަސްވުންތަކުން ލާޒިމުކޮށް، މަތިކޮށްފައިވާ ޒިންމާތަކާ ވާޖިބުތަކުން އިސްތިސްނާވެ، މި ހިނދުން މިހިނދަށް މިންޖުވެފައިވާ ބައެއް ކަމަށް އައްބާސްވަނީ އިއުލާންކުރައްވާފައެވެ. މީގެ ތެރޭގައި، ސަލާމަތާ ގުޅުންހުރި އެއްބަސްވުންތައްވެސް ހިމެނޭކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.

އަޅުވެތިކުރުމުގެ ސަގާފަތެއް އޮތް އިސްރާއީލުގެ ސަރުކާރަކީ، ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެންފައިވާ ބައެއް ކަމުގެ ފުރިހަމަ ޒިންމާ، ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމަތީގައި މިއަދު އުފުލަންޖެހޭނެ ބައެއްކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.

ކަންމިހެން އޮތް ނަމަވެސް، އިސްރާއީލާއެކު މަޝްވަރާކުރައްވަން އަދިވެސް ތައްޔާރަށް ހުންނެވިކަމަށާ، ވަކިވެފައިވާ މިނިވަން ދެ ދައުލަތުގެ ގޮތުގައި އިސްރާއީލާ ފަލަސްތީނު އުފެދިގެންދާފަދަ ސުލްހައިގެ އެބަސްވުމެއްގެ ތެރެއިން، ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްވެސް ތައްޔާރަށް ހުންނެވިކަން އައްބާސްވަނީ ހާމަކުރައްވާފައެވެ.

އައްބާސްގެ ވާހަކަފުޅު މިފަދަ ގޮތަކަށް ހުރިއިރު، ފަލަސްތީނުގެ ރައްޔިތުންގެ ވަނީ މިކަމާ މެދު ހިޔާލު ތަފާތުވުންތަކެއްވެސް އުފެދިފައެވެ. ޝިކާގޯގައި މިވަގުތު ހުރި، އިލެކްޓްރޯނިކް އިންތިފާލޯގެ މެމްބަރެއް ކަމަށްވާ، ޢަލީ އަބޫނިމާ ވަނީ، އައްބާސްގެ މި ނިންމެވުމަށް ފާޑުކިއާފައެވެ. އެގޮތުން މިއީ އައްބާސް މީގެ ކުރިންވެސް ދެއްކެވި ވާހަކަފުޅުތަކެއް ކަމަށާ، ނަމަވެސް އަމަލުން އެކަން ދައްކަވާފައި ނުވާކަމަށް އޭނާ ބުންޏެވެ. ފަލަސްތީނުގެ އަދުގެ ހާލަތަށް ބަލާއިރު، ވެރިކަން ކުރަމުންދާ ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)އަކީ، މޭޒުމަތީގެ އެއް ފަރާތުގައި ހުރި ލޮނުފުޅިއެއްވެސް އިސްރާއީލުގެ ހުއްދައާއި އެހީއާ ނުލާ އަނެއް ފަރާތަށް ބަދަލުކޮށްލެވޭނެ ބައެއް ނޫންކަމަށް ބުނެ އަބޫނިމާ ވަނީ ވަރުގަދަ ބަހުގެ ހަމަލާއެއްވެސް ދީފައެވެ.

ހުޅަނގު އައްސޭރިއާއި އުރުދުންވާދީ ހިފާ، އިސްރާއީލުގެ ދަށަށް ގެންދިއުމަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްކޮށް ހުންނަވައިގެން އެކުލަވާލައްވާފައިވާ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގެ މައިގަނޑު އަމާޒެވެ.