އަލަށް އުފަންވާ ކުދިންނާ ކުޑަކުދިން ރީތިވުމަށް ބޭނުންކުރާ ސާމާނު އުފެއްދުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޖޯންސަން އެންޑް ޖޯންސަން ކުންފުނިން، އެމެރިކާއާއި ކެނެޑާގައި ބޭބީ ޓެލްކަމް ޕައުޑަރު ވިއްކުން ހުއްޓާލަން ނިންމައިފިއެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން މިފަދަ ނިންމުމެއް ނިންމާފައިވާ މި ދަނޑިވަޅަކީ، އެ ކުންފުނީގެ ޓެލްކަމް ޕައުޑަރަކީ ކެންސަރު ޖައްސާ މާއްދާއެއް އެކުލެވޭ އުފެއްދުމެއް ކަމަށް ބުނެ، އެ ކުންފުންޏާ ދެކޮޅަށް އެތައް ދައުވާއެއް، ގިނަ ކޯޓުތަކެއްގައި ކުރިއަށްދާ ދަނޑިވަޅެކެވެ.

މިފަދަ ދައުވާތަކާ ގުޅިގެން ބަދަލު ފައިސާގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް ދެއްކުމަށް މިހާރުވެސް ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ޖޯންސަން އެންޑް ޖޯންސަންއިން ބުނީ އެކުންފުނިން އެމެރިކާއާއި ކެނެޑާއަށް ހޯލްސޭލްކޮށް ބޭބީ ޓެލްކަމް ޕައުޑަރު ވިއްކުން ހުއްޓާލިކަމުގައި ވީ ނަމަވެސް، މިހާރު ވަކިވަކި ފިހާރަތަކުގެ އިންވެންޓަރީގައި ހުރި ޝިޕްމަންޓް ހުސްވަންދެން ރީޓެއިލް އުސޫލުން މުދާ ވިއްކަމުންދާނެ ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ބުނީ ކެނެޑާގައި އެ ބްރޭންޑްގެ އުފެއްދުމަށް އޮތް ޑިމާންޑް އިންތިހާއަށް ދަށްވެފައިވާކަމަށާ، އެއީ ހަގީގަތުން އެއްކިބާވެފައިވާ މައުލޫމާތުތަކެއްގެ ސަބަބުން ހިނގާ ކަމެއް ކަމަށެވެ.

ކަންމިހެން އޮތް ނަމަވެސް ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ދަނީ، އެ ކުންފުނީގެ ޕްރޮޑަކްޓްއާއި ގުޅިގެން ދެކެވެމުންދާ ވާހަކަތައް ދޮގު ކުރަމުންނެވެ. އަދި ސައެންސްގެ އަލީގައި، ނޭދެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ޖޯންސަން އެންޑް ޖޯންސަން އިން ދަނީ ބުނަމުންނެވެ.