ބޭ އޮފް ބެންގޯލް ސަރަހައްދުގެ ތާރީހުގައިވެސް ރެކޯޑްކޮށްފައިވާ އެންމެ ބާރުގަދަ ތޫފާން "އަމްފާން" މިއަދުގެ ވަގުތެއްގައި އަރާނެ ކަމަށް ބެލެވޭއިރު، އިންޑިއާއާއި ބަންގްލަދޭޝްގެ އައްސޭރި ފަށުގެ ސަރަހައްދުތަކުން އެތައް މިލިއަން ބަޔަކު، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މޫސުން ކުރިއަށް ލަފާކުރާ ފަރާތްތަކުން ބުރަވާ ގޮތުގައި ތޫފާން އަމްފާން މިއަދު ހަވީރުގެ ވަގުތެއްގައި އެންމެ ފުރަތަމަ އަރާނީ އިންޑިއާއާއި ބަންގްލަދޭޝްގެ ބޯޑަރު ސަރަހައްދަށެވެ. އައްސޭރި ފަށުގެ ސަރަހައްދަށް މި ތޫފާން އަރާއިރު، ގަޑިއަކު 185 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހެމުންދާނެ ކަމަށްވެސް މޫސުން ކުރިއަށް ލަފާކުރާ ފަރާތްތަކުން ބުރަވެއެވެ.

އިންޑިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި މިހާރުވެސް 20 ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ގިނަ އަދަދެއްގެ ޓީމުތައް ބެކަޕްގައިވެސް އެބައޮތްކަމަށް އިންޑިއާއިން ބުނެއެވެ.

މި ދުވަސްވަރަކީ ނުރައްކާތެރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާވެސް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމުން، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ 2 ގައުމުގެ އޮފިޝަލުންނަށްވެސް ބޮޑެތި ގޮންޖެހުންތަކުން ކުރިމަތިވަމުން އަންނަ ކަމަށް ޚަބަރު ލިބެއެވެ.

ރައްކާތެރި ހިސާބުތަކަށް އެތައް މިލިއަން ބަޔަކު ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ލިބިފައިވާ މަދު ވަގުތުކޮޅުގެ ތެރޭގައި، މިކަން ކުރަންޖެހެނީ އިޖުތިމާއީ ގައިދުރުކަންވެސް ދަމަހައްޓަމުންނެވެ. އެތައް ސަތޭކަ ހާސް ހިޖުރަވެރިންނެއްގެ ވަޒީފާ ގެއްލި، އަމިއްލަ ގެދޮރަށް މިސްރާބުޖަހާފައިވާއިރު، މީގެ ތެރެއިން ގިނަ ބައެއްގެ މަންޒިލަކީ ތޫފާންވެސް އެ ދިމާލަކަށް ދަތުރުކުރަމުންދާ އޮރިއްސާ ސަރަހައްދެވެ.

ބަންގްލަދޭޝްގެ ޑިޒާސްޓާ މެނޭޖްމަންޓްއިން ބުނީ 2 މިލިއަނެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރާނެ ކަމަށާ، މިއަދު ހެނދުނުވެސް މި އޮޕަރޭޝަން ކުރިއަށްދާނެ ކަމަށެވެ. ކޮވިޑް-19ގެ ނުރައްކާ އޮތުމުން، އިޖުތިމާއީ ގައިދުރުކަމާއެކު ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އިތުރު ހިޔާތަކެއްވެސް ތައްޔާރުކޮށްފައިވާނެ ކަމަށާ، އާންމުކޮށް މާސްކުވެސް ބަހަމުންދާކަމަށް ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ކަންމިހެން އޮތްއިރު، ހާލުގައި ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ އޮފިޝަލުންނަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ޚަބަރު ލިބެއެވެ. މިފަދަ ބައެއް ހިޔާތައް އިންޑިއާގައި މިވަގުތު ބޭނުންކުރަމުންދަނީ ކޮވިޑް-19އަށް ހާއްސަ، ކަރަންޓީނު ސެންޓަރުތަކެއްގެ ގޮތުގައެވެ.

ތޫފާން "އަމްފާން" އަކީ 1999 ވަނަ އަހަރު އޮރިއްސާއަށް އެރި ބާރުގަދަ ތޫފާނަށް ފަހު ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދުނު ފުރަތަމަ ސުޕާ ސައިކްލޯންއެވެ. 1999 ވަނަ އަހަރުގެ ތޫފާންގައި އޮރިއްސާއިން 9000 އަށްވުރެ ގިނަ މީހުންގެ ފުރާނަވަނީ ގެއްލިފައެވެ.