ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރގެ މުސާރައަަކީ ސިއްރު ކުރަން ޖެހޭ މައުލޫމާތެއް ނޫންކަމަށް އިންފޮމޭޝަން ކަމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒް (އެސްއޯއީ) ކޮމެޓީއަށް ސްޓެލްކޯގެ އެމްޑީ ފޮނުވި ސިޓީއެއް ވަނީ ސޯޝަލް މީޑިއާއަށް ލީކުވެފައެވެ. އެ ސިޓީ ލީކުވި ސަބަބު ހޯދުމަށް ސްޓެލްކޯ އިން ވަނީ އެދިފައެވެ. އަދި އެ މައްސަލާގައި އިއްޔެ ވަނީ ކޮމެޓީއެއް ބާއްވާފައެވެ.

އެ ސިޓީއަކީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ސްޓެކްލޯގެ އެމްޑީ ހަސަން މުޣުނީ އަށް އެސްއޯއީ ކޮމެޓީގައި ކުރި ސުވާލަކަށް ޖަވާބު ދެއްވުމުގެ ގޮތުން ސްޓެލްކޯ އިން ފޮނުވި ސިޓީއެކެވެ.

އެކަމާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާންޖެހޭ މައުމާތެއް ނޫން ކަމަށެވެ. އަދި އެއީ މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މުއައްސަސާގެ އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތަކަށް ވީހިނދު، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވާން ޖެހުނު ސަަބަބު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އައިކޮމް އިން ބުންޏެވެ.

އެކަން ތަހުގީގު ކުރެއްވުމުގެ ބަދަލުގައި ހާމަކަން ބޮޑު ހިންގުމުގެ ސަގާފަތެއް ގާއިމުކުރުމަށް މަސައްކަތްކުރެއްވުމަށް އެ އޮފީހުން ވަނީ ގޮވާލައިފައެވެ. ހާމަކަން ބޮޑު ހިންގުމުގެ ނިޒާމެއް ގާއިމުކޮށް، އެ ސަގާފަތަށް އަހުލުވެރިވުމަކީ ފަސާދަ މަދުވެ، ދައުލަތާއި މެދު ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އިދާރާތަކުގެ ތަސައްވުރު ރަނގަޅުވެގެންދާނެ ކަމެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ އެ މަގަށް ކުންފުނިތަކާއި ދައުލަތުގެ އެހެން އިދާރާތަކުން މަސައްކަތް ގެންދިއުމަށް ހަނދުމަކޮށްދޭ ކަމަށެވެ.