ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީގެ މައްސަލަ އެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ގާޒީ އިބްރާހީމް އަލީއާ ގުޅޭގޮތުން އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައަކީ ގާޒީ އިބްރާހީމް އަލީ ގާނޫނުއަސާސީއާ ހިލާފަށް ކޯޓު އަމުރެއް ނެރެފައިވާ މައްސަލައެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީން މިހާރު ވަނީ ކޮމެޓީއެއް އެކުލަވާލައިފައެވެ. ދަށު ކޯޓުން ނިންމާފައިވާ މައްސަލަތަކާއި ގުޅިގެން ދައުލަތުން އެންމެ ގިނައިން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ގާޒީ އިބްރާހީމް އަލީގެ މައްސަލަތަކެވެ.

ޖޭއެސްސީން އެކުލަވާލި ކޮމެޓީން މައްސަލަ ބަލާ ނިންމުމަށްފަހު އެ ރިޕޯޓު ޖޭއެސްސީ އަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ހުށަހަޅާނެއެވެ. އޭނާ މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ކޮމެޓީއަށް ފެނި އެކަން ޖޭއެސްސީ އަށް ހުށަހަޅައިފި ނަމަ އެ މައްސަލަ ފޮނުވާނީ މަޖިލީހަށެވެ.