ބޭ އޮފް ބެންގޯލް ސަރަހައްދަށް ބަލާއިރު ތާރީހުގައިވެސް މި ސަރަހައްދުގައި އުފެދިފައި ވާކަމަށް ރެކޯޑް ކޮށްފައިވާ އެންމެ ވަރުގަދަ ތޫފާން "އަމްފާން" އަށް، އިންޑިއާއާއި ބަންގްލަދޭޝްއިން އެތައް މިލިއަން ބަޔަކު ތައްޔާރު ވަމުން އެބަދެއެވެ.

އިންޑިއާއާއި ބަންގްލަދޭޝްއަކީ، މީގެ ގާތްގަނޑަކަށް 35 ވަރަކަށް ގަޑިއިރު ފަހުން އެއްގަމަށް އަރާނެ ކަމަށް ލަފާކޮށްފައިވާ ތޫފާން އަމްފާން ދަތުރުކުރާ މަގުގައި އޮތް 2 ގައުމުކަމަށް ވާއިރު، މި 2 ގައުމަކީވެސް މިވަގުތު ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައިވެސް ތަކުލީފު ތަކެއް އުފުލަމުންދާ ގައުމު ތަކެކެވެ.

ސުޕާ ސައިކްލޯން އަމްފާންއަކީ ބޭ އޮފް ބެންގޯލް ސަރަހައްދުގެ ތާރީހުގައިވެސް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ތޫފާނަކަށް ބަދަލުވީ ރޭގެ ވަގުތެއްގައެވެ. އެމެރިކާގެ ޖޮއިންޓް ޓައިފޫން ވޯނިންގް ސެންޓަރުގެ ރެކޯޑްތަކަށް ބަލާއިރު، މި ތޫފާނުގައި ގަޑިއަކު 270 ކިލޯމީޓަރު (165 މޭލު) ބާރު މިނުގައި ވައިޖެހިފައިވެއެވެ. އޭގެ ފަހުން ތޫފާނުގެ ބާރު މިން ކޮންމެވެސް ވަރަކަށް ދަށްވެފައި ވާކަމަށާ، ނަމަވެސް އަދިވެސް މިއީ ކެޓަގަރީ 4 ގެ ބާރު މިނުގެ ވަރުގަދަ ތޫފާނެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ތޫފާން އެއްގަމުން އެންމެ ފުރަތަމަ އަރާނެ ކަމަށް ލަފާކުރެވެނީ އިންޑިއާއާއި ބަންގްލަދޭޝްގެ ބޯޑަރު ސަރަހައްދުން، ބުދަ ދުވަހުގެ ހަވީރު ވަގުތެއްގައި، އިންޑިއާގެ ކަލްކަޓާ ސިޓީ ކައިރިއަށެވެ. މިއީ ގާތްގަނޑަކަށް 14 މިލިއަނެއްހާ މީހުން ވަޒަންވެރިވެ އުޅޭ ސަރަހައްދެކެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިންވަނީ ބެންގޯލްއާއި އޮރިއްސާ ސަރަހައްދުގައި މަސްވެރިކަމަށް ނިކުމެ އުޅުންވެސް މަނާކޮށްފައެވެ.