ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އެ ގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު 1 ލައްކައަށްވުރެ މައްޗަށް އަރާފައި ވާކަން، އިންޑިއާގެ ސިއްހަތާ ދުޅަހެޔޮކަމާ ބެހޭ ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ.

ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މިއަދު އެކަނިވެސް އިންޑިއާއިން 933 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އަދި މިއަދު މި ބަލީގައި އެގައުމުން 8 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.

އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 101261 އަށް އަރާފައެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 11 ވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓްކުރި ގައުމުވެސްމެއެވެ. މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 3164 އަށް އަރާފައެވެ.

ކަންމިހެން އޮތްއިރު އެކްޓިވް ކޭހުގައި ގޮތުގައި އިންޑިއާއިން ރިޕޯޓްކޮށްފައިވަނީ 58864 ކޭހެވެ. އަދި 39323 މީހަކަށް ޝިފާ ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގައި މިހާތަނަށް ހަދާފައިވަނީ 2404267 ޓެސްޓްއެވެ. މިއީ އާބާދީގެ ނިސްބަތުން ބަލާނަމަ، ކޮންމެ 1 މިލިއަން މީހަކަށް 1744 ޓެސްޓްއެވެ.