މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އިން "ސަލާމަތް"ވެ ވަޑައިގަތުމަށްޓަކައި ހައިޑްރޮކްސިކްލޮރޮކުއިން (އެޗް.ސީ.ކިއު) ޑްރަގް ބޭނުން ކުރައްވަމުން ގެންދަވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ.

ހައިޑްރޮކްސިކްލޮރޮކުއިން އަކީ މެލޭރިއާ، ލޫޕަސް އަދި ރޫމާޓޮއިޑް އާތްރައިޓިސް ފަދަ ބަލިތަކުގެ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރާތާ އެތައް އަހަރެއް ވެފައިވާ ބޭހެކެވެ. ނަމަވެސް މި ބޭސް ބޭނުން ކުރުމުގައި ނުރައްކާތެރި ސައިޑް-އިފެކްޓްތަކެއް ހުރި ކަމަށް ބުނެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްހީ މާހިރުންނާ، ތަޖުރިބާކާރުންނާ ޑޮކްޓަރުން ގެންދަވަނީ މި ބޭސް ބޭނުން ކުރުމަށް އިރުޝާދު ދެއްވަމުންނެވެ.

ކޮވިޑް-19ގެ ފަރުވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަކާލާތު ކުރައްވަމުން ގެންދަވާ ހައިޑްރޮކްސިކްލޮރޮކުއިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މީޑިއަމް

ވައިޓްހައުސްގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާ އެޗް.ސީ.ކިއު ބޭނުންކުރައްވަން ފެއްޓެވީ ވަރަށް ފަހުން ކަމަށެވެ. މި ބޭސް ބޭނުން ކުރައްވާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައި ވާކަމަށާ، ނަމަވެސް އަދިވެސް 'ދިރިދުނިޔޭގައި' އެބަހުންނެވި ކަމަށް ވިދާޅުވެ، އުމުރުފުޅުން 73 އަހަރުގެ ޓްރަމްޕް ވަނީ ސިއްހީ ހިދުމަތްތެރިންނަށް ގޮންޖެއްސުވުމުގެ ރޫހެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

އެޗް.ސީ.ކިއުއަކީ ކޮވިޑް-19ގެ ފަރުވާގެ ގޮތުގައި ޓްރަމްޕް އެންމެ ގަދައަށް ޕްރޮމޯޓް ކުރައްވަމުން ގެންދަވާ ޑްރަގްއެވެ. ނަމަވެސް، މިކަމަށް ބާރުދޭ ސައެންޓިފިކް އެއްވެސް ހެއްކެއް އަދި ލިބިފައި ނުވާއިރު، މި ތަހުލީލުތައް މިހާރުވެސް ދަނީ ކުރިއަށެވެ.

މިފަދަ ރޫހެއްގައި ޓްރަމްޕް ވާހަކަފުޅުދައްކަވާފައި ވާ މިދަނޑިވަޅަކީ ވައިޓްހައުސްގައި މަސައްކަތް ކުރައްވާ ގިނަ އަދަދެއްގެ އޮފިޝަލުންނާ މުވައްޒަފުންވެސް ކޮވިޑް-19އަށް ޕޮޒިޓިވް ވަމުންދާ ދަނޑިވަޅެކެވެ. ނަމަވެސް މި ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ހަށިކޮޅުން ފެންނަމުން ނުދާކަމަށް ޓްރަމްޕްވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެޗް.ސީ.ކިއު ބޭނުން ކުރައްވަނީ ވައިޓްހައުސްގެ ހާއްސަ ޑޮކްޓަރުގެ އިރުޝާދުގެ ދަށުންތޯ ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެ ޑްރަގް ނެންގެވުމަށް އެދި ހުށަހެޅުއްވީ އަމިއްލަފުޅަށް ކަމަށެވެ. މިއާ ވިދިގެން ވައިޓްހައުސްގެ ފިޒީޝަން ޑރ ޝޯން ކޯންލީއާ ހަވާލާދީ ބަޔާނެއްވެސް ވަނީ އާންމުކޮށްފައެވެ. އެގޮތުން ޓްރަމްޕްގެ ސިއްހީ ހާލުކޮޅު މިވަގުތު ވަރަށް ރަނގަޅު ކަމަށާ، އެއްވެސް ބަލީގެ އަލާމާތްތަކެއް ފެންނަމުން ނުދާކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެޗް.ސީ.ކިއުއާ ގުޅިގެން މަޝްވަރާ ކުރެވުނު ކަމަށާ، އެ ބޭހުން ކޮށްފާނެ ނޭދެވޭ އަސަރަކަށް ވުރެ ބޮޑަށް، ބޭހުން ލިބިދާނެ ފައިދާއެއް މާ ބޮޑު ކަމަށްވެސް ޑރ ކޯންލީ ވިދާޅުވި ކަމަށް ވައިޓް ހައުސްގެ ބަޔާނުގައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވާހަކަފުޅުދައްކަވަނީ/ފޮޓޯ: އިވާން ވޫޗީ

ކޮރޯނާވައިރަސް ޑިޒީޒްގެ ޝިކާރައަކަށް ވެފައިވާ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި ހައިޑްރޮކްސިކްލޮރޮކުއިން ބޭނުން ނުކުރުމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ)އިން ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައި ގޮވާލާފައެވެ.

ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ކުރުމުގައި އެޗް.ސީ.ކިއު ބޭނުން ނުކުރުމަށް އެމެރިކާގެ އެފް.ޑީ.އޭއިން ގޮވާލާފައި ވަނީ، މި ބޭސް ބޭނުންކުރުމުގެ ސަބަބުން ހާލަތު ސީރިއަސްވެ، ފުރާނައަށް ނުރައްކާވާފަދަ ގޮތަކަށް ހިތުގެ ހިނގުމަށް ނޭދެވޭ ބަދަލުތަކެއް އަންނަ ކަމަށް ބުނެއެވެ.

ޓްރަމްޕްގެ މުޝީރު ޑރ އެންތަނީ ފައޫޗީ ވިދާޅުވަނީ، މިއީ ކޮވިޑް-19އަށް ފަރުވާ ދިނުމުގައި ބޭނުންކުރަން އެންމެ ރަނގަޅު ބޭސްކަން ބުނަން އެނގޭނީ އިތުރު ދިރާސާތަކަކަށް ފަހުގައި ކަމަށެވެ. ޑރ ފައޫޗީ ވިދާޅުވާ ގޮތުގައި މިއީ ފަހަރުގައި މަސައްކަތް ކޮށްފާނެ ބޭހެކެވެ. އަނެއްކޮޅުން ބަލާއިރު ޕޭޝަންޓުންނަށް ދެވޭ އިތުރު އަނިޔާއަކަށްވެސް ވެދާނެ ވަރުގެ ބޭހެކެވެ.

ހައިޑްރޮކްސިކްލޮރޮކުއިންގެ ބްރޭންޑެއް ކަމަށްވާ ޕްލެކުނިލްއަށް ބަލާނަމަ، މި ބްރޭންޑްގެ ލޭބަލްގައި ބުނެފައިވާ ގޮތުގައި، މި ބޭސް ބޭނުންކުރި ބައެއް ފަރާތްތަކުގެ ފުރާނައަށް ނުރައްކާވެގެން ރިޕޯޓްކުރި ކަމަށް ބުނެފައި ވެއެވެ. އެގޮތުން ހިތުގެ ބަލިތަކުގެ އިތުރުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ފެނުމުގެ ހިއްސަށް ކޮށްފައި ވާކަމަށް ރިޕޯޓް ކޮށްފައި ވާކަމަށްވެސް ބުނެފައި ވެއެވެ.

ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރާ އެންޓި މެލޭރިއާ ޑްރަގެއް ކަމަށްވާ ހައިޑްރޮކްސިކްލޮރޮކުއިން/ފޮޓޯ: ވައިޓީއައި

މެޑިކަލް ޖާނަލް އެންޓިވައިރަލް ރިސާޗްގައި ޑރ ހަވިއޭ ޑި ލެމްބަލެޣީ އާއި ފްރޭންކް ތޫޣެތް ވިދާޅުވާ ގޮތުގައި، ހައިޑްރޮކްސިކްލޮރޮކުއިން އަކީ ރައްކާތެރި ބޭހެކެވެ. އަދި ސައިޑް އިފެކްޓްތަކެއް ހުންނަ ބޭހެއް ކަމަށްވެސް ބުނެފައި ވެއެވެ. އެގޮތުން ފަރުވާއަކަށް ވުމާ، ފުރާނައަށް ނުރައްކާ ދަރަޖަ ޑޯޒްއަކާ ދެމެދު އޮތީ ހަނި ފަރަގެއް ކަމަށް ވެސް އެ ޓީމުން ވަނީ ބުނެފައެވެ.