ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ކުރިއަށް ގެންދަން ޖެހޭ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފި އެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެޗްއާރުސީއެމް މެންބަރުން ވަކިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް އެދި ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު، އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީން އެދި ތަޅުމަށް ފޮނުވި އިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެޗްއާރުސީއެމްގެ މެންބަރުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވެއެވެ. އެ ރިޕޯޓަކީ، ކޮވިޑް-19 ގެ ސަބަބުން ވިޔަފާރި ތަކާއި އާންމު ފަރުދުންގެ އާމްދަނީ އާއި މާލީ ހާލަތު ދަށް ވާތީ ސަރުކާރުން ފަށާ މަސައްކަތް ތަކަށް ރައްޔިތުންގެ މަޖިލީހުން ލަފާ ދިނުމަށް މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ އެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓެވެ.
އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވިއިރު، އެ ކޮމިޝަންގައި މިހާރު ތިއްބެވި ފަސް މެންބަރުންނަކީ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު އާއި، މެންބަރު މޫސާ އަލީ ކަލޭފާނާއި މެންބަރު ނައިވީން އަބްދުﷲ ގެ އިތުރުން މެންބަރު އާއިޝަތު އަފްރީން މުހައްމަދެވެ. މި ފަސް މެންބަރުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރައްވާފައިވާ މެންބަރުންނެވެ.