ކަނޑުމަތީގައި އެތައް ހަފުތާއެއް ވަންދެން ހާލުގައި ޖެހިފައި ތިއްބާ ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީގެން ސަލާމަތްކޮށްފައިވާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން، މިހާރުވެސް ބަންގްލަދޭޝްގައި ގާއިމުކޮށްފައިވާ ކޭމްޕުތަކަށް ބަދަލު ކުރުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވައިފިއެވެ.

ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި އެތައް ސަތޭކަ ބަޔަކު ބަންގްލަދޭޝްއިން މިމަހުގެ ކުރީކޮޅު ސަލާމަތް ކުރުމަށްފަހު އެމީހުން މިވަގުތު ބައިތިއްބާފައި ތިބީ، މޫސުމީ ވިއްސާރާގައި އިންތިހާއަށް ނުރައްކާ ބޮޑުވާ ފަދަ ހާލެއްގައި ވަކިން އޮންނަ ބަޝާން ޗާރް އައިލަންޑް އޭ ކިއުނު ރަށެއްގައެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން/ފޮޓޯ: މުޙައްމަދު ހުސައިން

މި ރެފިއުޖީންނަކީ، ބަންގްލަދޭޝްގައި މިހާރުވެސް ރޯހިންޏާ ރެފިއުޖީންނަށް ހާއްސަކޮށްފައިވާ ކޭމްޕުތަކުން ޖާގަ ލިބެންޖެހޭނެ ބައެއް ކަމަށް އދގެ އިސްވެރިޔާ ވިދާޅުވެފައިވަނީ، ބަންގްލަދޭޝްގެ ހާރިޖީ ވަޒީރަށް ފޮނުއްވި ސިޓީއެއްގައި ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރެއެވެ.

މިމަހުގެ ކުރީކޮޅު ކަނޑުގެ ސަރަހައްދުން ސަލާމަތް ކުރި 308 މީހަކު ވަކި ރަށަށް ފޮނުވާލާފައިވަނީ، ރޯހިންނާ ރެފިއުޖީންނަށް ހާއްސަކޮށްފައިވާ ކޮކްސް ބާޒާރު ސަރަހައްދަށް އެމީހުން ގެންގޮސްފި ނަމަ، އެމީހުންގެ ގައިން ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19) ފެތުރިދާނެ ކަމުގެ ބިރަށް ބެލުމަށް ފަހުގައި ކަމަށް ބަންގްލަދޭޝްއިން ބުނެއެވެ.

ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީންތަކެއް/ފޮޓޯ: އޭއެންއައި

ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހުރިހާ އެންމެންވެސް މައި ކޭމްޕުތަކަށް ބަދަލު ކުރުމަށް ގުޓެރޭޒް ގޮވާލައްވާފައިވާއިރު، އައިސޮލޭޝަންގައި މި ރެފިއުޖީން ކަރަންޓީނު ކުރަނީ ކިހާ މުއްދަތަކަށް ކަން ބަންގްލަދޭޝްއިން އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އޭކޭ ޢަބްދުލް މުއުމިންއަށް ފޮނުއްވި ސިޓީފުޅުގައި، އާންމު ސިއްހަތާ ގުޅުންހުރި ސަބަބުތަކަކާ ކަރަންޓީނު ކުރަންޖެހުނު ކަމުގައި ވީ ނަމަވެސް، ކަނޑުމަތިން ސަލާމަތް ކުރި މީހުންނަކީ ރެފިއުޖީއަކަށް ވީތީ ލިބިދޭ ހައްގުތަކެއް އޮތް ބައެއްކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.

ކަންމިހެން އޮތްއިރު، ގުޓެރޭޒްގެ ސިޓީއެއް އަދި ލިބިވަޑައި ނުގަންނަވާކަމަށް ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ވިދާޅުވި ކަމަށް މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ރޯހިންޏާއިން އިތުރު ރެފިއުޖީންތަކެއް ބަންގްލަދޭޝްއަށް ބޭނުން ނުވާކަމަށްވެސް ވަޒީރު ވިދާޅުވި ކަމަށް އޭއެފްޕީއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިންވަނީ ރިޕޯޓްކޮށްފައެވެ. ބަންގްލަދޭޝްގައި މިހާރުވެސް ރޯހިންޏާ ދަރިކޮޅުގެ މިލިއަނެއްހާ ރެފިއުޖީން ދަނީ ހިމާޔަތާ ހިޔާވަހިކަން ހޯދަމުންނެވެ.

ބަންގްލަދޭޝްގައި މިލިއަނެއްހާ ރޯހިންޏާ ރެފިއުޖީން ދިރިއުޅެމުންދާ ކޮކްސް ބާޒާރު ސަރަހައްދު/ފޮޓޯ: ސުޒާއުއްދީން ރުބެލް

އާ ރެފިއުޖީންތަކަކަށް ހިމާޔަތް ދޭން ބަންގަލަދޭޝްގައި ދެން ޖާގައެއް ނެތް ކަމަށާ، ބާޝަން ޗާރްއާއި މެދު ގައުމުތަކަކުން ހިތްހަމަނުޖެހޭނަމަ އެ ގައުމުތަކަކަށް ރޯހިންޏާގެ ރެފިއުޖީން ގެންދަންވީ ކަމަށާ ނުވަތަ އަނބުރާ މިޔަންމާއަށް ފޮނުވާލަންވީ ކަމަށް ވަޒީރު ވިދާޅުވިކަމަށްވެސް މީޑިއާއިން ވަނި ރިޕޯޓްކޮށްފައެވެ.

ކޮވިޑް-19އާ އެކު ގައުމުތަކުން ބޯޑަރުތައް ބަންދު ކުރުމާއެކު ކަނޑުމަތީގައި ހާލުގައި ޖެހޭ ރޯހިންޏާ ރެފިއުޖީންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރުވެސް އިންޑޮނޭޝިއާގެ އަޗޭ ޕްރޮވިންސްގެ ރަށް ބޭރުގައި 1000 އެއްހާ ރެފިއުޖީން ހާލުގައިޖެހިފައިވާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ރިޕޯޓްކޮށްފައެވެ.