ރާއްޖޭގައި ޕޮޒިޓިވް ވާ އިންޑިއާ މީހުންގެ ކޭސްތައް އަންނަނީ ގިނަވަމުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ރާއްޖޭގައި ޕޮޒިޓިވްވާ ކޭސްތަކުގެ ތެރެއިން އިންޑިއާ މީހުންގެ ކޭސްތަށް އިތުރުވަމުން ދާ ކަން ފާހަގަ ކުރެވޭ ކަމަށެވެ.
އިންޑިއާގެ ކޭސްތައް އިތުރުވަމުންދާ ކަމަށް ފާހަގަ ކޮށްފައިވާ އިރު މިހާތަނަށް އިންޑިއާގެ 104 މީހަކު ރާއްޖޭގައި ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ރާއްޖޭއިން އިންޑިއާއަށް ދިޔަ މަނަވަރުން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން މިރޭ އެ ބައްދަލުވުމުގައި ވަނީ ކަށަވަރު ކޮށްދީފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގްލަދޭޝްގެ 562 މީހަކު ވަނީ ރާއްޖޭގައި ޕޮޒިޓިވް ވެފައެވެ.
މީގެ އިތުރުން 384 ދިވެއްސަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1090 އަށް އަރާފައި ވާއިރު، އޭގެ ތެރެއިން ރަނގަޅު ވެފައި ވަނީ 59 މީހެކެވެ. އަދި މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.