މިއަދުން ފެށިގެން މި މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކޮށްފައިވީ ނަމަވެސް ދަމަނަވެށިން ވެކްސިން ޖެހުމުގެ ހިދުމަތް ވަކި ދުވަސްތަކެއްގައި ދެމުން ގެންދާނެ ކަމަށް އެތަނުން ބުނެފިއެވެ.
ދަމަނަވެށިން ނެރެފައިވާ ދެންނެވުމެއްގައި ބުނީ މިއަދުން ފެށިގެން މިމަހުގެ 28ގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖައްސާފައިވުމާއި ގުޅިގެން ދަމަނަވެށީގެން ހިދުމަތްތައް މެދުކަނޑާލަން ނިންމާ ނެރުނު ބަޔާން ބާތިލް ކޮށްފައިވާ ކަމަށެވެ.
ދަމަނަވެށިން ބުނީ މިއަދުން ފެށިގެން މި މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް އެޕޮއިންޓުމަންޓު ދީފައިވާ ފަރާތްތަކަށް އެޕޮއިންޓުމަންޓު ހަމަޖެހިފައިވާ ދުވަހު ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
މިމަހުގެ 22ވަނަ ދުވަހުން ފެށިގެން މިމަހުގެ 30ވަނަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކެއް ކަމަށްވާތީ އެ މުއްދަތުގައި ދަމަނަވެށީގައި ހިދުމަތް ދިނުން ނޯންނާނެ ކަމަށް ދަމަނަވެށިން ބުނެއެވެ. ނަމަވެސް އެ މުއްދަތުގައިވެސް ވެކްސިން ދިނުމަށް އެޕޮއިންޓުމަންޓު ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދަމަނަވެށިން ބުނެއެވެ.
މިއަދުން ފެށިގެން މިމަހުގެ 28ގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފައިވާއިރު މާލެ ސަރަހައްދު އިތުރު 14 ދުވަހަށް ލޮކްޑައުން ކުރުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ނިންމާފައެވެ.