ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންގެ ތެރެއިން 1500 މީހަކު އިންޑިއާ ގެންގޮސް ފިއެވެ.

ކޮވިޑް19 އާ ގުޅިގެން އެކި ގައުމުތަކުގައި ތިބި އިންޑިއާ ރައްޔިތުން އެނބުރާ ގައުމަށް ގެންދިޔުމަށް "ސަމުދުރާ ސެތޫ"ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް އިންޑިއާ އިން ވަނީ ފަށައިފައެވެ.

އެ އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން އިންޑިއާ ރައްޔިތުން އެނބުރާ ގައުމަށް ގެންދާނެއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ތަފާތު އެކި މަސައްކަތްތައް ކުރާ 27،000 އިންޑިއާ ރައްޔިތުން އެބަ ތިއްބެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ގައުމަށް އަނބުރާ ގެންދިއުމުގައި އެންމެ އިސްކަން ދޭނީ މާބަނޑު މީހުންނާއި، ވަޒީފާ ގެއްލިފައިވާ މީހުންނާއި، ރާއްޖޭގައި ތާށިވެފައި ތިބި ފަތުރުވެރިން އަނބުރާ ގެންދިއުމަށް ކަމަށެވެ.

ރާއްޖެއިން މުޅި ޖުމްލަ 1078 މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު އޭގެތެރެއިން 103 މީހުންނަކީ އިންޑިއާ ރައްޔިތުންނެވެ.