މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރިގެން ދިއުން އެ ގައުމުގައި ކޮންޓްރޯލް ކުރެވިފައިވާކަމަށް ސްރީލަންކާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސްރީލަންކާގެ ސިއްހަތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ސާވިސަސް ޑރ ޕާބާ ޕަލިހަވަދަނާއާއި ހަވާލާދީ ސްރީލަންކާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސްރީލަންކާގެ އާބާދީގެ ތެރޭގައި ބަލިމަޑުކަން ފެތުރެމުންދާކަމުގެ ރިޕޯޓެއް މި ފަހުން ލިބިފައެއް ނެތެވެ.
ސްރީލަންކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އެންމެ ފަހުންވެސް ރިޕޯޓްކޮށްފައިވަނީ ކަނޑުގެ އަސްކަރިއްޔާއާއި ގުޅުން ހުރި ކޭހެއް ކަމަށާ، ފަހުގެ ކޭސްތަކަކީވެސް ކަނޑުގެ އަސްކަރިއްޔާއިން ރިޕޯޓްކުރި ކޭސްތަކެއް ކަމަށް ޑރ ޕަލިހަވަދަނާ ވަނީ ފާހަގަކުރައްވާފައެވެ.
ކަންމިހެން އޮތް ނަމަވެސް ބަލިމަޑުކަން ކޮންޓްރޯލް ކޮށްފައި ބޭއްވުމަށްޓަކައި، ސިއްހީ އިރުޝާދުތަކަށް އާންމުން އަދިވެސް ބޯލަނބަންޖެހޭނެ ކަމަށް ޑރ ޕަލިހަވަދަނާ ވަނީ ގޮވާލައްވާފައެވެ. ވަކިން ހާއްސަކޮށް އިޖުތިމާއީ ގައިދުރުކަމަށް ސަމާލުކަން ދިނުމަށާ، ވީހާވެސް ގިނަގިނައިން ރަނގަޅަށް އަތްދޮވުން ފަދަ ކަންކަން ދެމެހެއްޓުމަށް އޭނާ ވަނީ ބާރު އަޅުއްވާފައެވެ. މީގެ އިތުރުން ބޭރަށް ނިކުމެ އުޅޭ އިރުގައްޔާ، އާންމު ހިދުމަތުގެ މަސައްކަތުގައި އުޅޭ ވަގުތުތަކުގައި އަބަދުވެސް ފޭސްމާސްކު ބޭނުން ކުރުމަކީ މުހިންމު ކަމެއް ކަންވެސް ސްރީލަންކާގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.
ސްރީލަންކާގައި ކޮވިޑް-19އާ ދެކޮޅަށް އެކުލަވާލާފައިވާ ގައުމީ އޮޕަރޭޝަން ސެންޓަރު (އެންއޯސީޕީސީއޯ)ގެ އިސްވެރިޔާ ލެފްޓިނެންޓް ޖެނެރަލް ޝަވެންދްރާ ސިލްވާ ވިދާޅުވީ، ހޮނިހިރު ދުވަހު ސްރީލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 23 މީހުންނަކީ ކަނޑުގެ އަސްކަރިއްޔާގެ މެމްބަރުން ކަމަށެވެ. އަނެއް 2 ކޭހަކީ ކަރަންޓީން މަރުކަޒުތަކުން ފާހަގަވި 2 ކޭހެއްކަމަށް އޭނާ ވަނީ ތަފްސީލުކޮށް ދެއްވާފައެވެ.
ސްރީލަންކާ ކަނޑުގެ އަސްކަރިއްޔާގެ 488 މެމްބަރަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 311 މީހަކަށް މިހާރުވެސް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންނެވެ. ސްރީލަންކާ ކަނޑުގެ އަސްކަރިއްޔާއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މެމްބަރުންނަކީ ކަރަންޓީނަށް ފިލައިގެން އުޅުނު ބަޔަކު ހޯދުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވުމުގެ ތެރޭގައި ބައްޔަށް އިންފެކްޓްވި މީހުން ކަމަށް މައުލޫމާތު ލިބެއެވެ.