އަވަށްޓެރި އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި މީހުންގެ އަދަދު، މި ބަލި އެންމެ ފުރަތަމަ ރިޕޯޓްކުރި ޗައިނާއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ހާމަކޮށްފައިވާ މީހުންގެ އަދަދަށްވުރެ މައްޗަށް އަރައިފިއެވެ.

އިންޑިއާއިން މިއަދު އެކަނިވެސް 724 މީހަކު ޕޮޒިޓިވްވެފައިވާއިރު އެގައުމުން ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 86508 އަށް އަރާފައެވެ. މި ބަލީގައި މިއަދު އިންޑިއާއިން 7 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، މި ބަލީގައި އެގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދަކީ 2760 އެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ޗައިނާއަށް ބަލާއިރު، މިއަދު އަލަށް ރިޕޯޓްކުރީ 8 ކޭހެކެވެ. ޗައިނާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 82941 އަށް އަރާފައެވެ. މި ބަލީގައި ޗައިނާއިން މަރުވި މީހުންގެ އަދަދަކީ 4633 އެވެ.

އިންޑިއާއަށް ބަލާއިރު ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރިޕޯޓްކުރަމުންދަނީ މަހާރާޝްތްރާއިންނެވެ. އެ ސްޓޭޓްއިން 29100 ކޭހެއް ރިޕޯޓްކޮށްފައިވާއިރު ދެން އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ޓެމިލް ނާޑޫއިންނެވެ. ޓެމިލް ނާޑޫއިން 10108 ކޭސް ރިޕޯޓްކޮށްފައިވާއިރު ގުޖުރާތުން 9931 ކޭސް އަދި ވެރިރަށް ނިއުދިއްލީއިން 8895 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިންޑިއާގައި ލޮކްޑައުން އަމުރު ތަންފީޒު ކުރަމުންދާތާ މިހާރު 54 ދުވަސް ވެފައިވާއިރު، ލޮކްޑައުން އަމުރުގެ މުހުލަތު އިތުރު ކުރުމާ މެދު އިންޑިއާ ސަރުކާރުން މި ހަފުތާ ބަންދުގައި ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.