ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮތް އޮތުން މި މަހުގެ 28 ގެ ނިޔަލަށް އިތުރު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން، މޭ މަހުގެ 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސް ސޯލިހް ހަމަޖައްސަވާފަައިވާ ކަމަށެވެ.
އަދި އެޕްރީލް 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާފައިވާ ގޮތުގެމަތިން، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯއްދެވުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމިން ގެންދިއުމަށާ، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށްވެސް އޮފީސްތަކަށް ވަނީ އަންގަވާފައެވެ.
މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކުރަން ނިންމި މުއްދަތު އިތުރު ކުރަން ނިންމާފައިވާއިރު، މިއީ މިގޮތަށް މި މުއްދަތު އިތުރު ކުރި ތިންވަނަ ފަހަރެވެ.
ކޮވިޑް ފެތުރެމުންދާތީ މާލެ ލޮކްޑައުންގެ ހާލަތަކަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ ގެންގޮސްފައެވެ. ހަމައެއާއެކު މި މަހުގެ 29 އަށް ލޮކްޑައުންގެ މުއްދަތްވެސް ވަނި އިތުރުކޮށްފައެވެ. އެގޮތުން އިތުރަށް ބަލި ފެތުރުނަ ނުދިނުމަށް ވަނީ ސިނަމާލެ ބްރިޖްވެސް ކޮންމެ ދުވަހެއްގެ 8 ގަޑިއިރަށް ބަނދުކުރުމަށް ނިންމާފައެވެ. މީގެ އިތުރުން ދެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ހޯދުމަށް ބާޒާރުކުރުމަށް ކޮންމެ ގެއަކަށް ވެސް ހަފްތާއަކުއ ެއް ފަހަރު ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް 1020 މީހަކު ޕޮޕޮޒިޓިވްވެފައެވެ. ބަލި ޖެހިގެން 4 މީހަކު މިހާތަނަށް މަރުވެފައިވާ އިރު ބަލި ޖެހުނު މީހުންގެ ތެރެއިން 45 މީހަކު ވަނީ ރަނގަޅުވެފައެވެ.