ބަންގްލަދޭޝްގައި ރެފިއުޖީ އަވަށެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ކޮކްސް ބާޒާރު ސަރަހައްދުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތަކެއް ފެނިފައިވާކަމަށް ބަންގްލަދޭޝްގެ ސަރުކާރާ ހަވާލާދީ، އދއިން ހާމަކޮށްފިއެވެ.
ކޮކްސް ބާޒާރު ސަރަހައްދުގައިވާ ރެފިއުޖީ ކޭމްޕުތަކަކީ، ބަންގްލަދޭޝްއާއި ބޯޑަރު ހިއްސާކުރާ މިޔަންމާގައި 2017 ވަނަ އަހަރުގެ ފަހުކޮޅު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝްއަށް ހިޖުރަކުރި މިޔަންމާގެ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން ހިޔާވަހިކަން ހޯދަމުންދާ ކޭމްޕުތަކެވެ، މި ސަރަހައްދުގައި ގާތްގަނޑަކަށް މިލިއަނެއްހާ ރޯހިންޏާ ރެފިއުޖީން ދިރިއުޅެމުންދާކަމަށް މައުލޫމާތު ލިބެއެވެ.
ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއެޗްސީއާރް)އިން އާންމުކޮށްފައިވާ ބަޔާނެއް ބުނާ ގޮތުގައި، ކޮކްސް ބާޒާރު ސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓިވްވިކަން ކަށަވަރުވި ކޭސްތަކުގެ ތެރޭގައި ރޯހިންޏާ ރެފިއުޖީއެއްގެ އިތުރުން، އެ ކޭމްޕުތައް ވަށައިގެންވާ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތަކުވެސް ހިމެނެއެވެ.
ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކަށް ބަލާއިރު، ބަންގްލަދޭޝްއިން މިހާތަނަށް 18863 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މި ބަލީގައި އެ ގައުމުން 283 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ކަންމިހެން އޮތްއިރު، މިއަހަރުގެ މާޝް މަހުން ފެށިގެން ބަންގްލަދޭޝްގެ ސަރުކާރުކާރުން ވަނީ، ތޮއްޖެހިފައިވާ ކޭމްޕުތަކުގައި އެ ސަރުކާރުން ދެމުންދިޔަ ގިނަ ޚިދުމަތްތަކެއް މެދުކަނޑާލާފައެވެ. މީގެ ތެރޭގައި ތައުލީމާ އެޑްވޮކަސީ މަސައްކަތްތައްވެސް ހިމެނެއެވެ.
ރެފިއުޖީންގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ ރެފިއުޖީޒް އިންޓަނޭޝަނަލްގެ އިސް އޮފިޝަލެއް ކަމަށްވާ ޑެނިއަލް ޕީ ސަލިވަން ވިދާޅުވީ، ކޮކްސް ބާޒާރު ސަރަހައްދުން ފެނުނު ކޮވިޑް-19ގެ ފުރަތަމަ ކޭހަކީ ބިރު ހުވަފެނެއް ފަދަ ހާލަތެއްގެ ފެށުން ކަމަށެވެ. ރެފިއުޖީންގެ މެދުގައި މިހާރުވެސް ފެތުރިފައިވާ އެހެނިހެން ބަލިތަކާ، ސާފުތާހިރު ކަން ކުޑަވެފައި އޮތުމާ، ކުރިއަށް އޮތީ މޫސުމީ ވިއްސާރައާއި ފެންބޮޑުވުމުގެ ދުވަސްވަރު ކަމުން، ވައިރަހަށް ވަކިހިއްޕާލުމުގެ ފުރުސަތު ބޮޑުވަމުން އަންނަކަންވެސް ސަލިވަން ވަނީ ފާހަގަކުރައްވާފައެވެ.
ހަމަ މިއާއެކު ހުޅުވާލެފައިވާ މަޝްވަރާތަކަށް ބަންގްލަދޭޝް ސަރުކާރުން އަހަމިއްޔަތުކަން ދިނުން މުހިންމު ކަމަށާ، ރެފިއުޖީ ކޭމްޕު ސަރަހައްދުގައި ސިއްހީ ހިދުމަތްތައް އިތުރަށް ވަރުގަދަ ކުރުން މުހިންމު ކަމަށްވެސް ސަލިވަން ވަނީ ފާހަގަކުރައްވާފައެވެ.
މިކަންކަމާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.