ސިއްހީ ދާއިރާގެ ދިރާސާތައް ފުޅާ ދާއިރާއެއްގައި ޝާއިއު ކުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޖާނަލް "ލޭންސެޓް" އިން، އެމެރިކާގެ ވެރިކަން ބަދަލު ކުރުމަށް ގޮވާލައިފިއެވެ.
ލޭންސެޓް އިން ރޭގެ ވަގުތެއްގައި ޝާއިއު ކުރި އެޑިޓޯރިއަލްއެއްގައި ބުނެފައިވަނީ، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެމެރިކާގެ ރައީސް ކަމަށް އެގައުމުގެ ރައްޔިތުން ގެންނަވާ ބޭފުޅަކީ އާންމު ސިއްހަތަކީ ކޮބައިކަން ފަހުމުވާ ބޭފުޅަކަށް ވާން ވާނެ ކަމަށާ، އަދި އެ ބޭފުޅަކީ އެއްވެސް ހާލެއްގައި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަވެ ހުންނަވައިގެން ސިޔާސީ އިމުގެ އިރުޝާދަށް ތަބާވާ ބޭފުޅަކަށްވެސް ވެގެން ނުވާނެ ކަމަށެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއަށް ލިބިދީފައިވާ ފުރިހަމަ ގާބިލިއްޔަތުކަމާ އިހުތިސޯސު ހަނިކޮށްފައިވަނީ އެމެރިކާގެ އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ކަން ފާހަގަކޮށް، ލޭންސެޓް ޖާނަލްގެ އެޑިޓޯރިއަލްގެ މުސައްނިފުން ވަނީ ހަރުކަށި އިބާރާތުން މިކަން ކުށްވެރިވެސް ކުރައްވާފައެވެ.
މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން ޗައިނާއިން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގައި ޓްރަމްޕް ސަރުކާރުން "ޖާސޫސީ ހުސްކަމެއް" ގެނެސްފައިވާކަމަށްވެސް ލޭންސެޓްއިން ވަނީ ފާހަގަކޮށްފައެވެ. މި "ޖާސޫސީ ހުސްކަމާ" ކުރިމަތިލާންޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރު ސީޑީސީއިން މުވައްޒަފުން މަދުކޮށްލުމުން ކަމަށްވެސް ލޭންސެޓްއިން ފާހަގަކުރެއެވެ. މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސީޑީސީގެ ޑޮކްޓަރަށް ފުރުސަތު ނުދީ "އެހާލާފައި" ވާ ކަމަށާ، ޓްރަމްޕްގެ ސަރުކާރުން މިކަން ކުރީ ކޮވިޑް-19ގެ ސަބަބުން އެމެރިކާއަށް އަރާފާނެ ލޮޅުމެއްގެ އިންޒާރު ދިން ހިސާބުން ކަމަށްވެސް ލޭންސެޓްގެ އެޑިޓޯރިއަލްގައި ވަނީ ބަޔާންކޮށްފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެމެރިކާގެ ސިއްހީ އެންމެ އިސް އޮފިޝަލުންގެ ތެރޭގައި ގުނާލެވޭ ޑރ އެންތަނީ ފައޫޗީ ދެއްވާ އިންޒާރުތަކާ، ފާޅުކުރައްވާ ޝުއޫރުތަކަށް ޓްރަމްޕް އިންކާރު ކުރައްވައެވެ. މީގެ އިތުން ކޮވިޑް-19ގެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދާ އެންމެ އާދައިގެ ބައެއް ފިޔަވަޅުތަކަށްވެސް ކިޔަމަންވެވަޑައިގަތުމަށްވެސް ޓްރަމްޕް ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހަށެވެ. މިފަހަރުގެ އިންތިހާބުގައި ޓްރަމްޕާ ވާދަކުރެއްވުމަށް އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވާނެ ކަމަށް އެންމެ ގިނަ ބަޔަކު އިއްތިފާގުވަނީ އެމެރިކާގެ ކުރީގެ ސަރުކާރުގައި ނައިބު ރައީސް ކަން ކުރައްވާފައިވާ ޖޯ ބައިޑަން ކަމަށެވެ.