ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދާ މެދު ތަހުގީގެއް ހިންގުމަށް އިދިކޮޅު ޕީއެމްއެމް އަދި ޕީއެންސީން އެދިއްޖެއެވެ.
އެ ކޯލިޝަނުން މިފަދައިން އެދިފައި ވަނީ އެ ކޯލިޝަނުގެ ހިންގެވުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހްމާން އަބްދުﷲ ސޮއި ކުރައްވާ މިއަދު ސީޕީ ހަމީދަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި ވަނީ، ސީޕީގެ މައްސަލަ މިނިވަންކަމާއެކު ތަހުގީގު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު މިނިވަން ތަހުގިގެއް ހިންގާ ފިޔަވަޅި އަޅައިދިނުމަށް އެދިފައެވެ.
ސީޕީއާ މެދު ފިޔަވާޅު އެޅުމަށް އެދިފައި ވަނީ، ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން އޭނާ ވަނީ ފުލުހެއްގެ ވާޖިބު އަދާކުރެއްވުމުގައި ފަސްޖެހިވަޑައިގެން ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާފައި ކަމަށް ބުނެއެވެ. އިދިކޮޅުން މިހެން ބުނެފައި ވަނީ، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރިތަނެއްގައި ދިވެހިންގެ ބަޔަކު މަޖާ ނަގަމުން ގެންދާ ފޮޓޯތަކަކާއި ވިޑިއޯއެއް ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމާ ގުޅިގެންނެވެ.
އިދިކޮޅުން ބުނީ، އެ ފޮޓޯތަކާއި ވީޑިއޯއިން ފެންނަ ގޮތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް އެތަނުގައި ހުންނަވާ އެކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އެޅުއްވުމެއް ނެތި، އެކަން ކުރަމުން ގެންދާ ބަޔަކަށް ހިތްވަރު ދެއްވައި މަޖާ ނަންގަވަމުން ގެންދަވާކަން ދޭހަވާ ކަމަށެވެ.
ހަމައެއާއެކު ގާނޫނު ނެގެހެއްޓުމުގެ އެންމެ އިސް ޒިންމާ ހަވަލުވެފައިވަ އެއްފަރާތް ކަމުގައިވާ ޕޮލިސް ކޮމިޝަނަރު އެފަދަ ތަނެއްގައި އެކަމަށް އެއްވެސް ފިޔަވަޅެއް އެޅުއްވުމެއް ނެތި އެފަރާތްތަކާއި ބައިވެރިވެ އުފާފާޅުކުރައްވަމުން ގެންދެވުމަކީ ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުން ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެ މުއައްސަސާއަށް ދިވެހި ރައްޔިތުން ކުރަމުން ގެންދާ އިތުބާރު ނަގާލުން ކަމުގައި ގަބޫލު ކުރެވޭ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
އިދިކޮޅުގެ ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު ގިނަ ބަޔަކު ދަނީ އެ ފޮޓޯތަކާއި ވީޑިއޯގެ މައްސަލަ ބަލަން ގޮވަމުންނެވެ. އެނގިފައިވާ ގޮތުގައި އެ ޕާޓީއަކީ އެމްޑީޕީއަށް ވެރިކަން ލިބުމުގެ އުފަލުގައި އެ ދުވަސްވަރު ބޭއްވި ޕާޓީއެކެވެ.