ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކަށް މާ އަވަހަށް ދޫ ދޭން ފެށުމަކީ، ބަލިމަޑުކަމުގެ އިތުރު ގޮފިތަކެއް ފަޅައިގެން ހިނގައިދާނެ ކަމެއް ކަމަށް ވިދާޅުވެ އެމެރިކާގެ ސިއްހީ އިސް އޮފިޝަލު ޑރ އެންތަނީ ފައޫޗީ ދެއްކެވި ވާހަކަތަކަށް، އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންކާރު ކުރައްވައިފިއެވެ.

އިގުތިސޯދު އަލުން ހުޅުވާލުމާ ދެކޮޅަށް ޑރ ފައޫޗީ ދެއްކެވި ވާހަކަތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ އެ ޖަވާބު ގަބޫލު ކުރެއްވެން ނެތްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އުމުރުން 79 އަހަރުގެ ޑރ ފައޫޗީއަކީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެމެރިކާގެ އާބާދީގެ ބޮޑު ބައެއް، އޭނާގެ ބަހަށް ބަރޯސާވެ އިތުބާރު ކުރާ ތަޖުރިބާކާރެކެވެ.

މިއަހަރަކީ އެމެރިކާގައި ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ގެންދާ އަހަރަށް ވާއިރު، ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ޓްރަމްޕްގެ ކެމްޕޭންގެ އެންމެ ބޮޑު އަސާސަކީ އިގުތިސޯދީ ހަރަކާތްތަކެވެ. އެހެންކަމުން، ކޮވިޑް-19ގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ އިގުތިސޯދު އަލުން ހިންގައިގަތުމަކީ ސިޔާސީ ގޮތުން މިވަގުތު ޓްރަމްޕް އެންމެ ހަރު އަޑުން ވަކާލާތު ކުރައްވަމުން ގެންދަވާ ކަންތަކެވެ.

ނަމަވެސް އެމެރިކާއިން ބަލިޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު 1430348 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 1034892 މީހަކު ރެކޯޑްކޮށްފައިވާއިރު 16349 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވެ، އެމެރިކާއިން 85197 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.