އީރާނުން ކުރިއަށް ގެންދާ ނިއުކްލިއާ މަޝްރޫއާ ގުޅިގެން އެގައުމާ ދެކޮޅަށް އދއިން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުގެ މުހުލަތު މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަމަވާއިރު ސަލާމަތީ މަޖިލިހުން އެ މުހުލަތު އިތުރު ނުކޮށްފިނަމަ، އދ މެދުވެރިކޮށް އީރާނާ ދެކޮޅަށް އެޅެންހުރި ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު، އެމެރިކާއން ދީފިއެވެ.

އެމެރިކާއިންވަނީ މިފަދަ ޕްލޭންއެއްގެ ވާހަކަތައް އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތާވެސް ހިއްސާކޮށްފައި ވާކަމަށް އެމެރިކާގެ އޮފިޝަލަކު ވަނީ މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި ވިދާޅުވެފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރެއެވެ. ނަމަވެސް، އެމެރިކާއިން އީރާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ބްރާޔަން ހުކް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ލިޔުއްވި ލިޔުމެއްގައި ހުކް ވިދާޅުވީ، އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް އީރާނާ ދެކޮޅަށް އާމްސް އެމްބާގޯގެ ދަތިކުރުމުގެ ފިޔަވަޅު ތަންފީޒު ކުރައްވާނެ ކަމަށާ، އެކަމަށް ބޭނުންވާ ޑިޕްލޮމެޓިކް އެއްބާރުލުން ހޯއްދަވާނެ ކަމަށެވެ.

މިފަދަ ގަރާރެއް ފާސްކުރުމަށް އދގެ ސަލާމަތީ މަޖިލީހުން 9 ގައުމަކުން "އާނ" ބަސް ބޭނުންވެއެވެ. އަދި ދާއިމީ މެމްބަރުން ކަމަށްވާ ރަޝިޔާ، ޗައިނާ، އެމެރިކާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުން ވީޓޯވެސް ކޮށްގެން ނުވާނެއެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅިގެން އެގައުމާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ހިސާބެއްގެ ލުޔެއް ދީފައިވަނީ، ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމާ އެކުގައެވެ. ނަމަވެސް އެމެރިކާއިން 2018 ވަނަ އަހަރުގެ ތެރޭގައި މި އެއްބަސްވުމުން ވަކިވެފައެވެ.

އެމެރިކާއިން ވަކާލާތު ކުރާ ގޮތުގައި އީރާނުގެ ނިއުކްލިއާ މަޝްރޫއަކީ އެގައުމުން ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. ނަމަވެސް އީރާނުން ދަނީ މި ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.