ކޮވިޑް-19 އާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާގެ ވަގުތުތަކުގައި ޖިނާއީ އިޖްރާއަތުގެ ހާއްސަ އުސޫލުތަކެއް ހިންގައި، ދައުވާ ކުރުމުގެ މުއްދަތުތައް ގުނުން ހުއްޓާލަން ޖެހޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ބަލައިގެންފިއެވެ.
މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އަދި އެ އިސްލާހު ބަލަގަތުމަށް ވޯޓަށް އެހުމުން އިސްލާހު ބަލައިގަންނަން ފާސްކުރީ 57 މެންބަރުންގެ ވޯޓުންނެވެ. އަދި މި އިސްލާހު ބަލައި ނުގަތުމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
އަދި އެ ބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ވަނީ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވާފައެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް އިއުލާން ކޮށްފައިވާ ހާލަތްތަކުގައި މީހުން ހައްޔަރު ކުރުމާއި ޝަރީއަތް ކުރުމާއި ބަންދާ މެދު ގޮތެއް ނިންމުމުގައި ހާއްސަ އިޖްރައާތުތަކަށް އަމަލު ކުރަން ނިންމުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ލިބޭ ގޮތަށެވެ.
އެގޮތުން ހަައްޔަރު ކުރެވޭ މީހަކު ނުވަތަ ހައްޔަރު ކުރުމަށް ނުވާ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުން ފުލުހުންގެ މަރުކަޒަށް ވީ އެންމެ އަވަހަކަށް ގެެންދަން ޖިނާއީ އިޖްރާއާތުގެ ގާނޫނު ލާޒިމް ކުރިޔަސް، އެ ބިލްގައި ހުށަހަޅާފައިވަނީ އެފަދަ ހާލަތެއްގައި އެ މީހަކު ފުލުހުންގެ މަރުކަޒަށް ގެންދެވެން ނެތް ނަމަ ހޯމް މިނިސްޓްރީން ކަނޑައަޅާ އެހެން ތަނަކަށް އެ މީހަކު ގެންދެވޭ ގޮތަށެވެ. އަދި ގާނޫނުގައި ބަޔާންކުރާ ފަދަ ކަސްޓޯޑިއަލް ޖަލެއްގައި އެފަދަ މީހަކު ބަންދު ކުރެވެން ނެތް ނަމަ، ހޯމް މިނިސްޓްރީން ކަނޑައަޅާ ޚާއްސަ ތަނެއްގައި އެ މީހަކު ބަންދު ކުރެވިދާނެ ކަމަށް ވެސް އެ ބިލުގައިވެއެވެ.
ޖިނާއީ އިޖްރާއާތުގެެ ގާނޫނުގެ މިހާރު އޮންނަ ގޮތުން ހައްޔަރު ކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދާ މީހުންނަށް ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ލާޒިމް ވިޔަސް، އެ ބިލް އޮތްގޮތުން އެފަދަ ހާލަތްތަކުގައި ދައުވާ ކުރުމުގެ އެ މުއްދަތުތައް ނުހިނގާނެއެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ އިތުރުން ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ ދައުވާ ކުރުމުގެ މުއްދަތުތައް ވެސް އެ ހާލަތްތަކުގައި ނުހިނގާނެ ކަމަށް އެ ބިލުގައިވެއެވެ.
އެ ބިލުގައިވާ ގޮތުން އެފަދަ ހާލަތްތަކުގައި ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހާއި ޝަރީއަތުގެ މަޖިލިސްތައް ވެސް ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވިދާނެއެވެ. އަދި ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދާ އަޑުއެހުންތަކުގެ ރެކޯޑިން 10 އަހަރަށް ރައްކާތެރިކޮށް ބަލަހައްޓަން ވެސް އެ ބިލުގެ ދަށުން ލާޒިމް ކުރެއެވެ.