ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން އޭނާގެ ސޯޝަލް މީޑިއާގަ އެކައުންޓްއެއްގައި ދައްކާފައިވާ ވާހަކަތަކަކާ ގުޅިގެން، މަޝްހޫރު ރޮކް ސްޓާ ބްރާޔަން އެޑަމްސް މައާފަށް އެދިއްޖެއެވެ.

އޭނާގެ ޕޯސްޓްގައި ބްރާޔަން އެޑަމްސް ވަނީ، "ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ވެޓްމާކެޓްތަކާ، ވާ ކައި އުޅުނު މީހުންގެ ފަރާތުން ފެތުރުނު ވައިރަހަކާ ހެދި މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައި" ވާކަން ދޭހަވާފަދަ މޭރުމަކުން ވަރުގަދަ ޖަޒުބާތުތަކެއް ބޭރުކޮށްލާފައެވެ.

ގިނަ ބަޔަކު ސިފަކުރި ގޮތުގައި މިއީ އޭޝިއާ ދަރިކޮޅުގެ މީހުން ނުވަތަ ވަކިން ހާއްސަކޮށް ޗައިނާއާއި ދެކޮޅަށް އޭނާ ބޭރު ކުރި ޝުއޫރުތަކެކެވެ. ކަންމިހެން އޮތް އިރު، ޖަނަވާރުގެ ހައްގު ހިމާޔަތް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބްރާޔަން އެޑަމްސްއަށް ތައުރީފުކޮށްފައެވެ.

ތާވަލު ކުރެވިފައި އޮތް ގޮތުން ނަމަ މި ހަފުތާއަކީ ބްރާޔަން އެޑަމްސްގެ ވަރުގަދަ ޝޯއެއް ލަންޑަންގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަފުތާއެކެވެ. ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ ހަރުކަށި އަމުރާއެކު މި ކަމަށް ވަނީ ހުރަސް އެޅިފައެވެ.

ބްރާޔަން އެޑަމްސްގެ މިފަދަ ވާހަކަތަކަކީ ވަކިން ހާއްސަކޮށް ޗައިނާ ދަރިކޮޅުގެ މީހުންނާ މެދު ނަފުރަތު އުފައްދަނިވި ވާހަކައެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ކޮވިޑް-19އާ ގުޅިގެން ބްރާޔަން އެޑަމްސް ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓްގެ ސްކްރީން ޝޮޓްއެއް/ފޮޓޯ: ސިޓީ ނިއުސް

ކަންމިހެން އޮތްއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ހުސްވި ހަފުތާގައި ބުނެފައިވާ ގޮތުގައި، ވޫހާންގައި ހިންގަމުންދިޔަ މިފަދަ އެއް ވެޓް މާކެޓަކީ ކޮވިޑް-19 ފެތުރިގެން ދިއުމުގައި ދައުރެއް އަދާކުރި މާކެޓެއް ކަމަށް ބުނެފައެވެ.