ރަޝިއާގެ ސެއިންޓް ޕީޓާސްބާގްގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުން ދިޔަ ވެންޓިލޭޓަރުތަކެއްގައި ރޯވުމުން، އެމެރިކާއަށް ގެންދިޔަ ހަމަ އެ މޮޑެލްގެ ވެންޓިލޭޓަރު ޝިޕްމަންޓް އަނބުރާ ފޮނުވާލާފައި ވާކަމަށް އެމެރިކާގެ ފެޑަރަލް އެމާޖެންސީ މެނޭޖްމަންޓް އޭޖެންސީ (ފީމާ) އިން ބުނެފިއެވެ.

ފީމާ އިން ބުނި ގޮތުގައި މި ވެންޓިލޭޓަރުތަކަކީ ހުސްވި އޭޕްރިލް މަހުގެ ކުރީކޮޅު އެމެރިކާއަށް ގެންދިޔަ ވެންޓިލޭޓަރު ތަކެކެވެ.

ފީމާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މޮޑެލްގެ ވެންޓިލޭޓަރުތައް އެމެރިކާއަށް ގެންދިޔަ ދުވަސްވަރަކީ ނިއުޔޯކާއި ނިއުޖާޒީގައި ކޮވިޑް-19ގެ ކޭސްތައް ހަލުވިކަމާއެކު އިތުރުވެ ވެންޓިލޭޓަރު ލިބުމުގައި ދަތިކަމެއް އުޅުނު ދުވަސްވަރެއް ކަމަށާ، އެހެން ކަމުން އެ ވެންޓިލޭޓަރުތައް ފޮނުވީ މި ދެ ސްޓޭޓުން ބަލަހައްޓަމުން ދިޔަ ގުދަން ތަކަކަށް ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ކާވް ފްލެޓް ކުރެވެން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ވެންޓިލޭޓަރުތަކުގެ ބޭނުމެއް ނުޖެހުނު ކަމަށާ، ވެންޓިލޭޓަރުތައް ބަހައްޓާފައި ހުރީ ބޭނުން ޖެހިއްޖެ ހިނދެއްގައި ނަގާ ގޮތަށް ކަމަށެވެ.

އެއްވެސް ހޮސްޕިޓަލެއްގައި މި ވެންޓިލޭޓަރުތައް ބޭނުން ކޮށްފައި ނުވާނެ ކަމަށްވެސް ފީމާއިން ބުނެއެވެ.

ނިއުޔޯކްއާއި ނިއުޖާޒީއިން މި ވެންޓިލޭޓަރުތައް ފީމާއަށް ފޮނުވާލާފައި ވަނީ ރަޝިއާގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް ފީމާއިން ވަނީ ބުނެފައެވެ. އަދި ވެންޓިލޭޓަރުތަކާ މެދު ގޮތެއް ނިންމާނީ ރަޝިއާގެ ހާދިސާއާއި ގުޅިގެން އެގައުމުން ހިންގާ ތަހުގީގުތަކުން ހާމަވާ ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށްވެސް ފީމާއިންވަނީ ބުނެފައެވެ.

ރަޝިއާއިން އެމެރިކާއަށް ސަޕްލައިކޮށްދިން އެއްވެސް ވެންޓިލޭޓަރެއްގައި އަދި މިހާތަނަށް ހުޅުހިފާފައި ނުވާކަންވެސް ފީމާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ރަޝިއާގެ ޚަބަރުތައް ބުނާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ވެންޓިލޭޓަރެއްގެ ސާކިޓް ޝޯޓުވެގެންނެވެ. މި ހާދިސާގައި މަރުވެފައި ވަނީ، ކޮވިޑް-19ގެ ޝިކާރައަކަށް ވެ، އިންޓެންސިވް ކެއާ ޔުނިޓްގައި ފަރުވާ ދެމުން ދިޔަ 5 ޕޭޝަންޓްއެއް ކަމަށް މައުލޫމާތު ލިބެއެވެ. މި ހުރިހާ އެންމެނަކީވެސް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދިޔަ މީހުން ކަމަށް ޚަބަރު ލިބެއެވެ.