ކޮވިޑް-19 ފެތުރެން ފެށުމުން އިއުލާނުކުރި ލޮކްޑައުންއާ ގުޅުގެން އިންޑިއާގެ 16 ސިޓީއެއްގައި ތާށިވެފައިި ތިބި 235 ދިވެއްސަކު މިއަދު ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވިއަން އިން ބުނީ އިންޑިއާގެ އެކި ސިޓީތަކުގައި ތިބި 235 މީހަކު މިއަދު ރާއްޖެ ގެނައީ ފޮރިން މިނިސްޓްރީ މެދުވެރިވެގެން ބޭއްވި މޯލްޑިވިއަންގެ ދެ ފްލައިޓެއްގައި ކަމަށެވެ.
އެގޮތުން އިންޑިއާގެ ނިއު ދިއްލީން މިރޭ އައި ފްލައިޓްގައި 185 މީހަކު ގެނައިއިރު، މިއަދު މެންދުރު އައި ފްލައިޓްގައި 50 ދިވެއްސަކު ރާއްޖެ ގެނެސްފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
މީގެ ކުރިން ވެސް އިންޑިއާ އާއި ލަންކާގެ އިތުރުން އެކި ގައުމުތަކުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ސަރުކާރާއި މޯލްޑިވިއަނުން ރާއްޖެ ގެނެސްފައި ވާއިރު، އިތުރު ފްލައިޓްތަކެއް ކުރިއަށް އޮތް ތަނުގައި ވެސް ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ އައުމަށްފަހު، ކަރަންޓީގައި 14 ދުވަސް ހޭދަކުރަން ޖެހެއެވެ. އެގޮތުން މިއަދު ރާއްޖެ އައި ދިވެހިންވެސް ކަރަންޓީގައި 14 ދުވަސް މަޑުކުރާނެއެވެ.