މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމުގެ ބިލުކަމުގައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020 ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ސޯލިހް މިއަދު ތަސްދީގް ކުރެއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލަކީ މިއަހަރުގެ އެޕްރީލް މަހުގެ 29 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 31 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލު އެކުލަވާލާފައި ަވނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމުގައިވާ ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައިވާތީއެވެ. މި ބިލަކީ، އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ބަލި މުޖުތަމައުގެ ތެރޭގައި ފެތުރުނަނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީ، ރާއްޖޭގައި ބޭއްވުމަށް އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުކުރެވެންދެން ފަސްކުރުމަށާއި، އެ އިންތިހާބާގުޅޭ އެނޫންވެސް ހާއްސަ އުސޫލުތަކެއް އެކަށައެޅުމުގެ ގާނޫނެވެ.

މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2020، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ފަސްކުރެވުނީއެވެ. އަދި ފަސްކުރެވޭ އިންތިހާބު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރުދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެ ކަމަށް ބިލުގައިވެއެވެ.

އިންތިހާބު ފަސްކުރެވުމާއެކު، އެ އިންތިހާބުގެ ބޭނުމަށްޓަކައި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެގާނޫނު އަދި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނުމުގައި ބަލާނީ، އެ އިންތިހާބު ބޭއްވުމަށް، މި މާއްދާގެ (ށ) ގެ ދަށުން އަލުން ކަނޑައަޅާ ތާރީހަށެވެ.