ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަން ޖެހިފައި މިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ކަމުގައި ވުމާއެކު، އެކުދިން ރައްކާތެރި ކުރުމުގެ އަޒުމު އާ ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކުޑަކުދިން ކޮވިޑް-19 އިން ރައްކާތެރި ކޮށް، ރަނގަޅު ކާނާއާ ތައުލީމު ދިނުމުގެ އިތުރުން، އަނިޔާއިންވެސް އެކުދިން ރައްކާތެރިކޮށް، އުފާވެރި މުސްތަގުބަލެއް ހޯއްދަވައި ދެއްވުމަކީ އަޒުމެއް ކަމަށެވެ.

ކުޑަކުދިންގެ ދުވަހަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކޮންމެ އަހަރަކުވެސް މޭ މަހުގެ 10 ވަނަ ދުވަހު ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. އެހެން އަހަރުތަކުގައި މިދުވަސް ކުލަގަދަކޮށް ސްކޫލުތަކުގައި ފާހަގަ ކުރެއެވެ. އަދި މި ދުވަހުގެ މުނާސަބަތުގައި، އެކި އެކި މުއައްސަސާތަކުން ކުޑަކުދިންގެ ހަވީރާއި، ކުޑަކުދިންނަށް ހާއްސަ އެހެނިހެން ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސް، އެ ކުދިންނަށް ހަދިޔާ ދީ ހަދައެވެ.

ނަމަވެސް، މިއަހަރުގެ ކުޑަކުދިންގެ ދުވަސް އައިސްފައި މިވަނީ މުޅި ދުނިޔެ ކޮވިޑް-19 އާ ހަނގުުރާމަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ރާއްޖޭގައިވެސް މި ބަލި ގަދައަށް ފެތުރެމުން ދާއިރު، ބައެއް ސަރަހައްދުތައް ވަނީ ލޮކްޑައުންގެ ހާލަތުގައެވެ. އެހެން ކަމަށް ވުމާއެކު، މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަން ޖެހިފައި މިވަނީ ގޭގައި ތިބެއެވެ.