ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން އަމަލު ކުރަމުންދާ ގޮތް ގޯހުން ގޯހަށް ގޮސްފައިވާކަމަށް ވިދާޅުވެ، އެމެރިކާގެ އެންމެ މަގުބޫލު ރައީސްގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގުވާ ބަރާކް އޮބާމާ، އެމެރިކާގެ އަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެމެރިކާ މިއަދު ތަޖުރިބާ ކުރަން ޖެހިފައިވާ ބައެއް މައްސަލަތަކަކީ އޮބާމާއާއި އޮބާމާ ނިސްބަވްވެވަޑައިގަންނަވާ ޑޮމޮކްރަޓުންގެ ވެރިކަމުގެ ސަބަބުން ކުރިމަތިލާންޖެހިފައިވާ މައްސަލަތަކެއް ކަމަށް ވިދާޅުވެ ޓްރަމްޕް ފާޑުވިދާޅުވިއިރުވެސް އޮބާމާ ވަނީ އެފަދަ ކަމަކާ އެއްޗެއް ވިދާޅުނުވެ، ދުރުގައި މަޑުކޮށްލައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވާހަކަފުޅުދައްކަވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ނަމަވެސް އޮބާމާގެ ސަރުކާރުގައި ހިދުމަތް ކުރެއްވި 3000 އެއްހާ މެމްބަރުންގެ މައްޗަށް އެކުލެވޭ އޮބާމާ އެލަމްނާއީ އެސޯސިއޭޝަންގެ މެމްބަރުންނަށް ކުރެއްވި ފޯނު ކޯލެއްގައި އޮބާމާ ވަނީ، އެމެރިކާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއަށް ސަޕޯޓް ކުރައްވާ، ޓްރަމްޕަށް ރިޔާސަތު ކަށަވަރު ނުވާނެ ގޮތް ހެއްދެވުމަށް އެދިވަޑައިގެންފައެވެ.

މި ކޯލަކީ ޕްރައިވެޓް ކޯލެއް ނަމަވެސް، މި ކޯލުގައި ދެކެވިގެންދިޔަ ވާހަކަފުޅުތައް ބައިނަލްއަގުވާމީ މީޑިއާއަށް ތިލަކޮށްފައިވަނީ، އެ ކޯލުގެ ރެކޯޑިންގްއެއް ލިބިފައިވާކަމަށް ބުނާ ޔާހޫ ނިއުސްއިންނެވެ.

ޓްރަމްޕްގެ ސަރުކާރަށް ފާޑުވިދާޅުވުންތައް އަމާޒު ކުރައްވަމުން އޮބާމާ ވަނީ، ޓްރަމްޕްގެ ސަރުކާރުގެ ފިކުރު ބައްޓަންވެފައިވަނީ އަމިއްލަ މަސްލަހަތަށް ލިބޭނެ ފައިދާއަކީ ކޮބައިތޯ ބެލުމާ، އަނެކުންނަށް ކޮންމެ ގޮތެއް ވިއަސް ވަރިހަމަވުމުގެ ސަގާފަތުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ. މިއީ އިންތިހާއަށް ގެއްލުންދެނިވި ފިކުރެއް ކަމަށްވެސް އޮބާމާ ވަނީ ސިފަކުރައްވާފައެވެ.

އެމެރިކާގެ ބްރޫކްލިންގައި ކޮވިޑް-19ގެ ޝިކާރައަކަށްވެ މަރުވި މީހެއްގެ ގަބުރު، ވަގުތީ މޯޗަރީއަކަށް ބަދަލުކުރަނީ/ފޮޓޯ: އެންޖެލާ ވައިސް

ކޮވިޑް-19 ފެތުރިގެން ގޮސްފައިވާ ގޮތަށް ބަލާއިރު މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެމެރިކާއިންނެވެ. އަދާ ހަމައަށް އެމެރިކާއިން 1347309 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 1029194 މީހުންނެވެ. މީގެ ތެރެއިން 16816 މީހެއްގެ ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވެ، އެމެރިކާއިން މަރުވި މީހުންގެ އަދަދު ވަނީ 80037 އަށް އަރާފައެވެ.

ގާނޫނީ ވެރިކަމަކަށް އޮތް ނުރައްކާ ބޮޑު

މީގެ އިތުރުން އޮބާމާ ވަނީ ގާނޫނުން ވެރިކަން ނެގެހެއްޓުމަށްވެސް އެމެރިކާއަށް ނުރައްކާ ކުރިމަތިވެފައިވާކަމުގެ އިންޒާރު ދެއްވާފައެވެ. އޮބާމާ މިފަދަ މޭރުމަކުން ވާހަކަފުޅުދައްކެވީ، ގައުމީ ސަލާމަތާ ބެހޭ މުޝީރެއްގެ ގޮތުގައި ވައިޓް ހައުސްގައި ކުރިން މަސައްކަތް ކުރެއްވި މައިކަލް ފްލީން އާ ދެކޮޅަށް އުފުލާފައިވާ އޮތް ޝަރުއީ މައްސަލައާއިގެން ކުރިއަށް ނުދިއުމަށް އެމެރިކާގެ އަދުލު އިންސާފާ ބެހޭ ވުޒާރާއިން ނިންމުމާ ގުޅިގެންނެވެ.

ފްލީންއަކީ 2016 ވަނަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ވެރިކަން ކަށަވަރު ކުރުމަށް ރަޝިޔާގެ ނުފޫޒު ބޭނުން ކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގައި އަސާސީ ޓާގެޓެކެވެ. އަދި 2017 ވަނަ އަހަރު އޭނާ ވަނީ، މިކަމާ ގުޅިގެން އެމެރިކާގެ ތަހުގީގީ އިދާރާއަށް ދޮގު ބަޔާންތަކެއް ދީފައިވާނެ ކަމަށްވެސް އިއުތިރާފުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ރިޔާސީ އިންތިހާބު 2020އަށް ރަސްމީކޮށް ކެމްޕެއިން ފައްޓަވާފަ/ފޮޓޯ: އައުޓްސައިޑް ދަ ބެލްޓްވޭ

ކަންމިހެން އޮތްއިރު ވައިޓް ހައުސްގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާ ޓްރަމްޕް، ފްލީން ވަކި ކުރެއްވީ ނައިބު ރައީސް މައިކް ޕެންސްއަށްވެސް އޮޅުވާލުންތަކެއް އޮޅުވާލެއްވިކަމަށް ބުނާ މައްސަލައެއްގައެވެ. ނަމަވެސް، ފްލީންއަށް މިހާރު މައާފު ދެއްވާފައިވާކަމަށް ޓްރަމްޕް ވަނި ދާދިފަހުން ވިދާޅުވެފައެވެ.

މިއީ ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ކަމަށް އޮބާމާ ވަނީ އިޝާރާތް ކުރައްވާފައެވެ. އާންމު ވިސްނުމަށް ބަލާއިރު، މިއީ ގާނޫނީ ވެރިކަމެއް ނެގެހެއްޓުމަށް އޮތް ނުރައްކަލެއް ކަމަށްވެސް އޮބާމާ ވަނީ ސިފަކުރައްވާފައެވެ.