ހުޅުމާލޭގައި ޓޫރިސްޓުންނަށް ހަމަލާދިން މީހުންނަށް ދައުވާ ނުކުރެވިގެން ދޫކޮށްލައިފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި އެ ހާދިސާގައި 3 ފަތުރުވެރިއަކަށް ހަމަލާދީފައި ވެއެއެވެ. އޭގެތެރޭގައި ހިމެނެނީ ޗައިނާ ދެ ފިރިހެނުންނަކާއި އޮސްޓްރޭލިއާ ފިރިހެނެކެވެ.

އެމީހުންނަށް ހަމަލާ ދީފައިވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހެއް ކަމަށާއި އެއީ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ މައްސަލައާ ގުޅިގެން އޭރު 5 މީހަކު ހައްޔަރު ކުރިއެވެ.

ފަތުރުވެރިންނަށް އެ ހަމަލާ ދިންތާ 2 ދުވަސް ފަހުން، އެ ހަމަލާއަކީ، ހަރުކަށި ފިކުރުގެ ބަޔަކު ހިންގި ހަމަލާއެއް ކަމަށް ބުނެ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މެސެޖެއްވެސް އާންމު ކޮށްފައެވެ. އެމެސެޖުގައި ބުނެފައި ވަނީ، ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެއަކީ "ސުވަރުގެ" ކަމުގައި ބުނެ ދައްކާ ހުވަފެންތައް އަވާމެންދުރަކަށް ވެއްޖެ ކަމަށާއި، އަންގާރަ ދުވަހުގެ ރޭ (ފެބްރުއަރީ 4، 2020)ގައި ހުޅުމާލޭގައި 3 މީހަކަށް ވަޅިން ދިން ހަމަލާގެ ޒިންމާ އެމީހުން ނަގާ ކަމަށެވެ. އެ ވީޑިއޯ މެސެޖުގައި، އެފަދަ ހަމަލާތައް ފަތުރުވެރިންނަށް ދެމުން ދާނެ ކަމަށްވެސް ބުނެއެެވެ. އަދި ދައުލަތުގެ ވެރިން ރައްޔިތުންނަށް އޮޅުވާލައި، ބަހަނާ ދައްކާ އެ މީހުންގެ އަނބިންނާއި ދަރިން ނިގުޅައިގަނެ، އެމީހުން ހައްޔަރުކޮށް، އާއިލާތައް ރޫޅާލާފައި ހަމަޖެހިގެން ނުތިބެވޭނެ ކަމަށެވެ.

މިކަން ތަހުގީގު ކޮށް ފުލުހުން މީޑިއާގައި ބުނެފައިވަނީ އެ ހަލާގެ ފަހަތުގައި ތިބީ ހަރުކަށި ފިކުރުގެ މީހުން ކަމަށެވެ. އަދި އެ މައްސަލައިގައި 6 މީހުން ހައްރު ކުރި ކަމަށްވެސް ބުންޏެވެ.

މިއަދު ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރު ކުރި މީހުންނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމުން، ފުލުހުން ހޯދާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ދައުވާ ކުރެވެން ނެތްކަމަށް ޕީޖީ ނިންމުމާއެކު ބަންދު ކުރި މީހުން ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ފުލުހުން ޕީޖީއަށް ފޮނުވީ ފުރިހަމަ ތަހުގީގެއް ކޮށްފައި ކަމަށް ބުނާއިރު، އެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ޕީޖީއަށް ކަމުނުދިޔަ ގޮތެއް ސާފެއް ނުވެއެެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ އިތުރަށް އަޅަންޖެހޭ ފިޔަވަލުތައް އަޅަމުން ދާ ކަމަށެވެ.

މި މައްސަލަ މިހެން ފެންމަތިވި އިރު، އިއްޔެ ހޯމް މިނިސްޓަރު އިމްރާމް އަބްދުﷲ ވަނީ ހަރުކަށިފިކުރުގެ 8 މީހެއްގެ ފައިގައި ޓެގް އަޅުވަ ކަމަށް ވިދާޅުވެފައެވެ. ޓެގް އަޅުވާ 8 މީހުން ހާމަ ނުކުރި ނަމަވެސް އެމީހުންގެ ތެރޭގައި ހުޅުމާލޭގައި ފަތުރުވެރިންނަށް ހަމަލާދިން މީހުންވެސް ހިމެނޭ ކަމަށް ބައެއް މަސްދަރުތަކުން ވަނީ ބުނެފައެވެ.