ކަޝްމީރުގެ ހަނގުރާމަވެރި ލީޑަރަކު މަރާލި މައްސަލާއާއި ގުޅިގެން އިންޑިއާގެ މައި ސަރުކާރާ ދެކޮޅަށް ކަޝްމީރުގައި ކުރިއަށްދާ މުޒާހަރާތަކުގައި އެކެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި ހަމަނުޖެހުން ހިންގަމުންދާތާ ހުކުރު ދުވަހަށް 3 ދުވަސް ވެފައިވާއިރު، މި ހަމަނުޖެހުންތަކަކީ ހިޒްބުލް މުޖާހިދީންގެ ކޮމާންޑަރު ރިޔާޒް ނައިކޫއާއި އިތުރު 3 ހަނގުރާމަވެރިއެއްގެ މަރާ ގުޅިގެން ހިންގާ ހަމަނުޖެހުންތަކެއްކަން ފާހަގަކުރަންޖެހެއެވެ.

އިންޑިއާ ސަރުކާރުގެ ބާރުތަކުން ނައިކޫއާއި އިތުރު ހަނގުރާމަވެރިންތަކެއް މަރާލީ ކަޝްމީރުގެ ޕަލްވާމާ ޑިސްޓްރިކްޓްގައެވެ. ނަމަވެސް އެހެން ސަރަހައްދުތަކަށްވެސް ހަމަނުޖެހުންގަނޑު ފެތުރިފައިވާކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާ ސަރުކާރުން އެކުލަވާލާފައިވާ އާ ސިޔާސަތުގެ ދަށުން، މި ހަނގުރާމަވެރިންގެ ހަށިގަނޑުތައް އެމީހުންގެ އާއިލާތަކާ ހަވާލުކޮށްފައެއްވެސް ނުވެއެވެ. އެހެނީ މިފަދަ ޖަނާޒާތަކަކީ އިންޑިއާގެ މައި ސަރުކާރާ ދެކޮޅަށް ހިންގާ ވަރުގަދަ ޕްރޮޕަގަންޑާތަކަކަށް ބަދަލުވެގެންދާ ދިއުން ކަމަށް ބުނެވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން، މި ހަނގުރާމަވެރިންގެ ހަށިތައް ވަޅުލާފައިވަނީ ފަރުބަދަމަތީ ގަބުރުސްތާނެއްގައެވެ.

ހިޒްބުލް މުޖާހިދީންއަކީ ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮޕަރޭޓްކުރާ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށް ބުނާއިރު، އިންޑިއާ ސަރުކާރުގެ ވެރިކަމާ ދެކޮޅަށް އެ ޖަމާއަތުން ވަރުގަދަ އޮޕަރޭޝަންތަކެއް ހިނގާފައިވާކަމަށްވެސް ބުނެވެއެވެ.

އިންޑިއާ ސަރުކާރާ ދެކޮޅަށް ހުކުރު ދުވަހު ހިންގި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ ސަލާމަތީ ފައުޖުތަކަށް އޮއްގަލުން ހަމަލާ ދީފައެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި ސަލާމަތީ ބާރުތަކުން ޝޮޓްގަން ޖަހާފައިވާކަމަށް މައުލޫމާތު ލިބެއެވެ. ސިއްހީ ހިދުމަތްތެރިން ބުނާ ގޮތުގައި ބުލެޓް އަދި ޕެލެޓްގެ ސަބަބުން ލިބުނު އަނިޔާތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ސިއްހީ އެހީތެރިކަން ހޯދާފައެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިސަރަހައްދުގައި ދެމުންދިޔަ މޯބައިލް ފޯނާ އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައެވެ. މިކަމާ ބެހޭ ގޮތުން މީޑިއާއަށްވެސް މާ ބޮޑު މައުލޫމާތެއް ނުދޭ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްކުރެއެވެ.