އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްގެ އަރިސް އޮފިޝަލަކުވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.
ޕެންސްގެ ޕްރެސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ކޭޓީ މިލާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި މިވަނީ، ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޕާސަނަލް ވެލޭއެއްގެ ގޮތުގައި ވައިޓް ހައުސްގައި ޚިދުމަތް ކުރައްވަމުން ގެންދެވި އަސްކަރިއްޔާގެ މެމްބަރަކުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވިތާ 1 ދުވަސް ފަހުންނެވެ.
ރައީސް އަދި ނައިބު ރައީސް ސިއްހީ ހާލުކޮޅާ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ވައިޓް ހައުސްގައި މިހާރު ކޮންމެ ދުވަހަކުވެސް ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މައުލޫމާތު ލިބެއެވެ.
ޕެންސްގެ ޕްރެސް ސެކްރެޓަރީ ކޮވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނުއިރު ޕެންސް ގެންދެވީ އެއާފޯސް ޓޫ ގައި ދަތުރުފުޅަކަށް ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ނަމަވެސް ރަންވޭ މަތީގައި ގަޑިއިރެއްހާއިރު ވަންދެން ބޯޓު ގްރައުންޑްކޮށްފައި އޮތުމަށްފަހު އޭގައި ތިބި 6 މެމްބަރަކު ވަނީ އެ ބޯޓުން ބަލާފައެވެ. އެ 6 މެމްބަރުންނަކީ ޕޮޒިޓިވްވި ޕްރެސް ސެކްރެޓަރީ އާއި ކޮންޓެކްޓްވެފައިވާ ބައެއް ކަމަށް ޚަބަރު ލިބެއެވެ.
ޕެންސްގެ ޕްރެސް ސެކްރެޓަރީ އަކީ ޓްރަމްޕްގެ އަރިސް އޮފިޝަލެއް ކަމަށްވާ ސްޓީވަން މިލާގެ އަނބިކަނބަލުންނެވެ.
ވައިޓް ހައުސްގެ ކޮވިޑް-19 ޓާސްކް ފޯސްއިން މައުލޫމާތު ދޭ ގޮތުގައި އެގައުމުގައި މިހާރު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 248000 މީހެއްގެ ހަށިގަނޑުން ސާމްޕަލް ނަގާ ޓެސްޓު ކުރެއެވެ. އެގޮތުން މިހާތަނަށް 8.1 މިލިއަން މީހެއްގެ ހަށިގަނޑުން ސާމްޕަލް ނަގައިގެން ޓެސްޓު ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު 1321785 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 1019567 ކޭހެއް ރެކޯޑްކޮށްފައިވާއިރު 16978 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ޚަބަރު ލިބެއެވެ. މި ބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 78615 އަށް އަރާފައެވެ.
ވައިޓް ހައުސްގެ މެމްބަރުންތަކެއް ކޮވިޑް-19އަށް ޕޮޒިޓިވްވަމުންދާއިރު، ޓްރަމްޕްއާއި ޕެންސް އަދި މިހާތަނަށް ޕޮޒިޓިވްވެފައި ނުވާކަމަށް ވައިޓް ހައުސްއިން ވަނީ ހާމަކޮށްފައެވެ.