ކޮންމެ ކަމެއްވެސް ސިޔާސީ ކުރުމާއި ބިރު ދެއްކުމުން ދޫކޮށްލުމަށް ރައްޔިތުން މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ގައްސާން މައުމޫން ގޮވާލައްވައިފިއެވެ.

ގައްސާން މިފަދައިން ވިދާޅުވީ ރިލީފް ޕެކޭޖުތަކާ ގުޅޭ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާ އެކުގައި ސަރުކާރުން މަޝްވަރާ ކޮށްފައި ނުވާ ކަމަށްބުނެ އެ ޖަމިއްޔާއިން ސަރުކާރަށް ފާޑު ކިޔައި އިއްޔެ ނެރެފައިވާ ބަޔާނަކީ ސަރުކާރުގެ ގައިގާ ކޮޅުފައިން ޖެހުން ކަމަށް ގަބޫލު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމުން ކުރެއްވި ޓްވީޓެއްގައެވެ.

ގައްސާން ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މިއީ ގައުމަށްޓަކައި ގޮތް ދޫކުރަންވީ ވަގުތު ކަމަށެވެ. އަދި މަޝްވަރާކޮށް އިގްތިސޯދީ މާހިރުންނާއި މަޓީ ފަދަ ތަޖުރިބާކާރު ޖަމިއްޔާތަކުގެ ލަފަޔަށް ބަރޯސާވާންވީ ވަގުތު ކަމަށެވެ. އަދި އޭނާ ވަނީ ކޮންމެ ކަމެއް ސިޔާސީ ކުރުމާއި ބިރު ދެއްކުމުން ދޫކޮށްލުމަށް ގޮވާލައިފައެވެ.

މަޓީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ލޮޅުމުގެ ވާހަކަ ސަރުކާރުން ދައްކަނީ ހަގީގަތަށް ބިނާކޮށް ނޫން ކަމަށެވެ. މިހާރު މިއޮތް ހާލަތުން އަވަސް ފިޔަވަޅުތަކެއް ނާޅައިފި ކަމަށްވާނަމަ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ބަނގުރޫޓުވެގެން ދާނެ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ގެއްލުންތަކާއި ގުޅޭ ގޮތުން ތަފާތު އެކި ފޯރަމް ތަކުގައި ސަރުކާރާއި އެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެކަމުގައި ސަރުކާރުގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް މަޓީގެ ބަޔާނުގައިވެއެވެ.

އެހެންނަމަވެސް މިނިސްޓަރު ފައްޔާޒު މިއަދު ވިދާޅުވީ ސަރުކާރުން ލިރީފް ޕެކޭޖު އެކުލަވާލުމުގެ ކުރިންވެސް މަޓީއާ އެކުގައި މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށާއި އެގޮތުގެ މަތިން ލޮކްޑައުންގެ ކުރިން ތިން ފަހަރެއްގެ މަތިން މަޝްވަރާ ކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.