އިންޑިއާގެ 9 ސިޓީއެއްގައި ތިބި 200 ދިވެހިން އަންނަ ހަފްތާގައި ރާއްޖެއަށް ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ޕަންޖާބާއި ކަލްކަތާއާއި ގުރްގުއާނާއި ރިޝިކޭޝާއި ދިއްލީއާއި ވެއްލޫރާއި ޗެންނާނީއާއި ޓްރިވެންޑްރަމް އަދި ކޮޗިންގައި ތިބި މީހުން ގެންނާނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ކަމަށެވެ. ފްލައިޓް ދަތުރުކުރާނީ މާލެއިން ދިއްލީ އަށް އަދި ޓްރިވެންޑްރަމް އިން މާލެ އަށެވެ.

ފްލައިޓް ޖައްސާ ދެ ސިޓީ ނޫން އެހެން ސިޓީތަކުގައި ތިބި ދިވެހިން، ފްލައިޓް ޖައްސާ ސިޓީތަކަށް ގެންދިޔުމުގައި ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާއި، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއާޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ ފްލައިޓްއިން ދަތުރުކުރާ ފަރާތްތަކުން އަންނާނީ ޓިކެޓް ގަނެގެން ކަމަށާއި ޓިކެޓިންގެ މަސައްކަތް ކުރިއަށް ގެންދާނީ މޯލްޑިވިއަން އިން ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ ފްލައިޓްގައި އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރެވޭނެއެވެ. ފޮރިން މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައިވެސް އިންޑިއާއަށް މިފަދަ ފްލައިޓްތައް ބާއްވާނެ ކަމަށާއި އެހެންނަމަވެސް ހާލަތާ ގުޅޭ ގޮތުން ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ.

މީގެކުރިންވެސް މޯލްޑިވިއަންގެ ފްލައިޓެއްގައި އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމްގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވި ގިނަ އަދަދެއްގެ ދިވެހިން ވަނީ ގެނެސްދީފައެވެ.