ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަނގުރާމަ ކުރަމުންދާ ސިއްހީ ހިދުމަތްތެރިންނަށް ހާއްސަކޮށްގެން، މަޝްހޫރު ނައިކީ ބްރޭންޑްއިން 30000 ބޫޓު ޖޯޑު ހަދިޔާ ކުރަން ނިންމައިފިއެވެ.
ނައިކީއިން ހޯމަ ދުވަހު އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތައާރަފުކުރި "އެއާ ޒޫމް ޕަލްސް" ބޫޓަކީ، ސިއްހީ ހިދުމަތްތެރިންނަށް ހާއްސަކޮށްގެން އެ ބްރޭންޑްއިން ފަރުމާ ކުރި ފުރަތަމަ ބޫޓު ކަމަށެވެ.
ނައިކީ އިން ބޫޓު ފަރުމާކޮށްފައިވަނީ ސިއްހީ ހިދުމަތްދޭ ތަނެއްގައި ދިރާސާތަކެއްވެސް ކުރުމަށްފަހުގައެވެ. އެގޮތުން ބޫޓު ފަރުމާ ކުރުމުގައި ސިއްހީ ހިދުމަތްތެރިން ބޫޓަށް އަރައިގެން ކޮޅަށް ތިބެންޖެހޭ ގިނަ ވަގުތާ، ދިޔާ އެއްޗިހި ބޫޓު މައްޗަށް ބަންޑުންދާ ދިއުމާ، ދިގު ދެމިގެންދާ ޝިފްޓްތަކަށްވެސް ހާއްސަ ސަމާލުކަމެއް ވަނީ ދީފައެވެ.
ނައިކީއިން މި ބްރޭންޑްގެ 30000 ބޫޓު ޖޯޑު ހަދިޔާ ކުރަން ނިންމާފައިވަނީ އެމެރިކާގެ ހޮސްޕިޓަލުތަކާ، ސިއްހީ ހިދުމަތްދޭ ތަންތަނަށެވެ.