ކައުންސިލް ތަކުގެ ދައުރު ދަންމާލާ ބިލަލީ ގާނޫނު އަސާސީއާ ބިލެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބުނެފިއެވެ.

އެ ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ބިލަކީ ގާނޫނުއަސާސީ އާ ކަނޑއެޅިގެން ހިލާފަށް މަޖިލީހުން ފާސްކުރުމަށް ހުށަހަޅައިފައިވާ ބިލެއް ކަމަށެވެ.

އަދި ގާނޫނުއަސާސީގައި ލޯކަލް ކައުންސިލް ތަކުގެ ދައުރު ކަނޑައެޅި ބަޔާންވެފައި ވަނިކޮށް މަޖިލީހުން ފާސްކުރާ އެހެން ގާނޫނަކުން ގާނޫނު އަސާސީގެ އެހެން މާއްދާއެއް ބާތިލު ނުކުރެވޭނެ ކަމަށާއި ގާނޫނުއަސާސީގައި ބަޔާންވެފައިވާ ކަމެއް ކުރުމަށް ހުރަސްއެޅޭފަދަ ކަމެއް ދިމާވެ، އެކަމުގެ ހައްލު ގާނޫނުއަސާސީން ނުލިބޭނަމަ އެކަމުގެ ފަރުވާ ހޯދަންޖެހޭ ތަނަކީ ސުޕްރީމް ކޯޓުކަމަށްވެސް ގާނޫނުއަސާސީގައިވަނީ ބަޔާންކޮށްފައި ކަމަށް އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އެ ބިލަކީ ގާނޫނު އަސާސީ އަށް ގޮންޖަހައި މަޖިލީހުގައި އެމްޑީޕީއަށް އޮތް މެޖޯރިޓީގެ ނާޖާއިޒް ފައިދާ ނަގައި އިންތިހާބުތަކާއި ކުޅުމުގެ ދޮރު ހުޅުވުމުގެ ފުރުސަތު ހޯދުމަށް އެމްޑީޕީން ކުރަމުންގެންދާ މަސައްކަތެއްްގެ ގޮތުގައިވެސް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކޮށްފައިވެއެވެ.

އެ ބިލުގެ މައްސަލަ ގާނޫނު އަސާސީއާއި ހިލާފު ބިލެއް ކަމުގައި ކަނޑައެޅުމަށް އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް އެ ކޯލިޝަނުންް ކުރަމުން ގެންދާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް އިއުލާން ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ކޮވިޑް-19 އާއި ގުޅިގެން ވަކި މުއްދަތެއް ނެއްގޮތަށް ފަސްކުރުމަށް މިހާރުވަނީ ނިންމައިފައިވާއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާއިރު އާ ކައުންސިލަރުން އިންތިހާބު ނުކުރެވިދާނެ ކަމުގެ ބިރު މިހާރުވަނީ ހީވެފައެވެ.