ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިނީތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ޝުކުރު އަދާކުރެއްވި އިރު، ޗައިނާގެ ނަން ފާހަގަވެސް ނުކުރައްވައެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އެގޮތުން އެގައުމުން ވަނީ 150 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕަކާއި، 3 މަހަށް ބޭނުންވާ ވަރަށް ރާއްޖެއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިރުރުން ކޮވިޑް-19 ޓެސްޓުކުރާ 20000 ރީއެޖެންޓް ފޯރުކޮށް ދީފައެވެ.

އިންޑިއާގެ އެހީތެރިކަމަށް ރައީސް ނަޝީދު ޝުކުރު އަދާކުރައްވާފައި ވާއިރު، ޗައިނާއިން ރާއްޖެއަށް ދިން އެހީތެރިކަމުގެ ވާހަކަ ފާހަގަ ކުރައްވާފައިވެސަ ނުވެއެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ބައެއް ސާމާނު:

  • 10 ވެންޓިލޭޓަރު
  • 209080 ޑިސްޕޯސަބުލް ޕްރޮޓެކްޓިވް މާސްކް
  • 11500 އެން95 ޕްރޮޓެކްޓިވްމާސްކް
  • 20،000 ކޭއެން95 ޕްރޮޓެކްޓިވްމާސްކް
  • 50 އިންފްރާރެޑް ތާމޯމީޓަރު
  • 500 ގޮގްލް
  • 350 ޕްރޮޓެކްޓިވް ގިއާ
  • 20 ކެއާ ބެޑްސް
  • 10000 ޓެސްޓިން ކިޓް
  • 10000 ސާމްޕަލިން ސްޓިކް

އިންޑިއާއިން ވަނީ މީގެ ކުރިންވެސް ޑޮކްޓަރުންގެ ޓީމާއި އަދި ކާޑުގެ ބާވަތްތައް ރާއްޖެ ފޮނުވުންފަދަ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިނޫން ގޮތްގޮތުން ވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ފޮނުވާ އެހީގެ އިތުރުން އެގައުމުގެ ބައެއް ކުންފުނިތަކުން ދަނީ ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތައް ނިންމައިދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކޮވިޑް-19 ބަލިމަޑުކަމުގައި ޗައިނާއާއި އިންޑިއާގެ އިތުރުން އެހެން އަވައްޓެރި ގައުމުތަކުން ދަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.