ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައިވެސް އެއްވެސް ބިރެއްނެތި މަސައްކަތްކުރާ މިނިވަން މީޑިއާތައް ވަރަށް މުހިންމު ކަމަށާއި ޕްރެސް ފްރީޑަމް ދެމެހެއްޓުމަށް ސަރުކާރު އަބަދުވެސް ދެމި އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ފެނިގެން ދަނީ މިނިވަން މީޑިއާގެ ދައުރު މުހިންމުވާ މިންވަރު ކަމަށެވެ.

ހަމައެއާއެކު ހަގީގަތެއް ނެތް ވާހަކަތަކާއެކު މީހުންގެ ސިއްހީ ދުޅަހަޔޮކަމަށް އަސަރުކުރާ ކަމަށާއި އެހެންކަމުން މި ދަނޑިވަޅު އެއްވެސް ބިރެއްނެތި މަސައްކަތްކުރާ މިނިވަން މީޑިއާތަކަކީ ވަރަށް މުހިންމު ބައެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް މި ސަރުކާރުން ބާރުއަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޝިއާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައި ވަނީ “ޖާނަލިޒަމް ވިތްއައުޓް ފިއާ އޯ ފޭވާ” ނުވަތަ “ބިރުވެރިކަމެއް ނުވަތަ ވަކި ފަރާތަކަށް ބުރަވުމެއް ނެތި ކުރެވޭ ނޫސްވެރިކަން” މިއެވެ.