ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާ މި ދަނޑިވަޅުގައި ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ނޫސްވެރިންވެސް ނޫސްވެރިކަމުގެ މިނިވަން ކަމާއެކު ރައްޔިތުންނަށް ހަބަރުތައް ފޯރުކޮށްދޭއިރު ކޮވިޑްގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހިދާ (މަރީ) ގޮވާލައްވައިފިއެވެ.
މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޝިއާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައި ވަނީ “ޖާނަލިޒަމް ވިތްއައުޓް ފިއާ އޯ ފޭވާ” ނުވަތަ “ބިރުވެރިކަމެއް ނުވަތަ ވަކި ފަރާތަކަށް ބުރަވުމެއް ނެތި ކުރެވޭ ނޫސްވެރިކަން” މިއެވެ.
މިއަދާ ގުޅިގެން މަރިޔަމް ވަހީދާ ވިދާޅުވީ، ނޫސްވެރިންނަށް މިނިވަން ކަމާއެކު ކޮވިޑާ ގުޅުން ހުރި ހަބަރާއި މައުލޫމާތު ފެތުރުމަށް ފަހި ފުރުސަތުތަކެއް ތަނަވަސް ވެފައި ވީ ނަމަވެސް، އެ ފުރުސަތުގެ ބޭނުން ކުރަން ވާނީ މި ކަމުގެ ސައްހަ މައުލޫމަތު ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށް ފަހުގައި ކަމަށެވެ. ހަމައެއާއެކު މިބައްޔާ ބެހޭ ގޮތުން ދުނިޔޭގެ ސައެންޓިފިކް ކޮމިއުނިޓީން ރިސާޗްކޮށް ހާމަކުރާ އެންމެ ފަހުގެ މައުލޫމާތަށް ބުރަވެ ނޫސްވެރިކަން ފުޅާކުރުމަކީ މުހިއްމު ކަމެއް ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.
މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކުރިމަތިލަނީ އިންސާނީ ހަޔާތުގައިވެސް މީގެކުރިން ކުރިމަތިވެފައި ނުވާ ފަދަ ބޮޑު ބަލިމަޑުކަމެއް މުޅި ދުނިޔެ ތަހައްމަލު ކުރަމުން ދާ ނާޒުކު ދަނޑިވަޅެއްގައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، ނޫސްވެރިންގެ މަސައްކަތްތައް ވެސް މި ދުވަސްވަރު ބައްޓަން ކުރަން ޖެހިފައި މި ވަނީ މި ވަބާއިން އިންސާނިއްޔަތު ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތާ އެއް މިސްރާބަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ތީ މަރީގެ މެންޑޭޓުން ބޭރުން ދީފަ އޮތް ބަޔާނެއް. ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަންވާނީ މޯލްޑިވްސް މީޑިއާ ކައުންސިލުން. ބްރޯޑްކޮމް އަކީ ބްރޯޑްކާސްޓަރުން ރެގިއުލޭޓްކުރާފަރާތް. މީޑިއާ ކައުންސިލަކީ ސީދާ ނޫސްވެރިންގެ ބެލެނިވެރިފަރާތް. މަރީ ގެ އިހްތިސާސް އޮޅުވާނުލައްވާ. އެހެންނޫން، އިލްތިމާސެއް ކުރެވިދާނެ ދާއިރާއަށް. ޢެކަމަކު އިސްވެ ބަސްބުނުމަކީ ގޯހެއް