މި މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން ކައުންސިލުތަކުން ހަވާލުނުވެ ހުންނަ ކަދުރުތައް ކޮވިޑް-19 އާ ގުޅިގެން ހަދާފައިވާ ފެސިލިޓީތަކުގައި ތިބި މީހުންނަށް ބެހުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިހާރު ކަދުރާ ހަވާލުވުމަށް މީހަކު ފޮނުވާފައި ނުވާ ކައުންސިލުތަކުން މި މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން މާލޭގައި ހުރި މީހަކު ހަމަޖައްސުމަށް ފަހު އެ ކައުންސިލަކަށް ދިނުމަށް ނިންމާފައިވާ ކަދުރާ ހަވާލުވުމަށް ދިއުމަށެވެ. ހަމައެއާއެކު މުޅި ރާއްޖޭގައި ކާބޯތަކެތި ލިބުމުގެ ދަތިވެފައިވާ މި ދަނޑިވަޅުގައި މި މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން ވީހާވެސް ގިނަ ކައުންސިލަކުން ކަދުރާ ހަވާލުވެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން އެދެއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދާތީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް މި ރޯދަ މަހު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސައުދީން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރު، މި މަހުގެ 11 ވަނަ ދުވަހަށް ފަހު ހަވާލުނުވެ ހުންނަ ކަދުރު ކޮވިޑާ ގުޅިގެން ގާއިމް ކޮށްފައިވާ ފެސިލިޓީތަކަށް ބަހަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.
އެގޮތުން ކަދުރު ބަހަން ނިންމާފައިވާ ތަންތަނަކީ މަސައްކަތުގެ ގޮތުން އެކަހެރި ކޮށްފައި ހުރި ފެސިލިޓީތަކާއި ކަރަންޓީން އާއި އެކަހެރިކޮށްފައިވާ މީހުން ތިބި ފެސިލިޓީތަކާއި އަދި ހާލުގައި ޖެހިފައިވާ ބިދޭސީން ތިބި ފެސިލިޓީތަކެވެ.
ސައުދީން ރާއްޖެއަށް މިއަހަރު ހަދިޔާކޮށްފައި ވަނީ 50 ޓަނުގެ ކަދުރެވެ. އެއީ ސައުދީ އަރަބިއްޔާގެ ސަރުކާރުންނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހަލީފާ ބިން ޒައިދު އަލް ނަހްޔާން ފައުންޑޭޝަނުން ހަދިޔާ ކޮށްފައިވާ ކަދުރެވެ.