ދިވެހިރާއްޖެއަކީ އަބަދުވެސް ސަރަހައްދީ ވަރުގަދަ ގުޅުންތަކުގެ މުހިންމުކަން ގަބޫލުކުރާ ގައުމެއްކަމަށާ، ވަކުން ހާއްސަ ކޮށް މިއަދު ކުރިމަތިލާންޖެހިފައި މިވާ ކާރިސާގެ ވަގުތުގައި މިކަމަކީ ދިވެހިރާއްޖެއިން އޭގެ އެންމެ މަތީ ދަރަޖައަށް ބަލައި ގަންނަ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވެފައިވަނީ ދުނިޔެއަށް މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިލާންޖެހިފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ދެކުނު އޭޝިއާ ސަރަހައްދުގެ ގުޅިފައިވާ އިއްތިހާދު (ސާކް)ގެ މެމްބަރު ގައުމުތައް އެކުވެގެން، ވަޒީފާ އިތުރު ކުރުމާ، ފަތުރުވެރިކަމުގެ ސިނާއަތް ނެގެހެއްޓުމަށާ މާލީ ބާޒާރަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ދާދިފަހުން ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން، އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ ދަ ހިންދޫއިން ދެންނެވި ސުވާލަކަށް، އީ-މެއިލް މެދުވެރިކުރައްވާ ޖަވާބު ދެއްވަމުންނެވެ.
މިފަދަ ބަލިމަޑުކަމެއްގައި ސަރަހައްދީ އެއްބާރުލުމުގެ މުހިންމުކަން ރާއްޖެއިން ސިފަކުރާ ގޮތާ ބެހޭ ގޮތުން ދަ ހިންދޫއިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ޝާހިދު ވަނީ، 2003 ވަނަ އަހަރު ސާސް ރޯގާ ފެތުރިގެން ދިޔަ ދުވަސްވަރު ރާއްޖެއިން އިސްނަގައިގެން ސާކް ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންގެ ބައްދަލުވުމެއް ކުރިއަށް ގެންދިޔައީ ހަމަ މި ސަބަބާ ހެދި ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް-19އާ ކުރިމަތިލުމަށް ސާކް ގައުމުތައް އެކުގައި މަސައްކަތް ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ހުށަހެޅުއްވި ހުށަހެޅުމަށް ދިވެހިރާއްޖެއިން ތާއީދުކުރީވެސް މި ސަބަބާ ހެދި ކަން ޝާހިދު ފާހަގަކުރައްވާފައިވާކަމަށް ދަ ހިންދޫއިން ވަނީ ރިޕޯޓްކޮށްފައެވެ.
ކޮވިޑް-19އާ ކުރިމަތިލުމަށް ސަރަހައްދީ ފެންވަރުގައި ގުޅިފައިވާ އިސްތިރާޖެއް އޮތުމާ ބެހޭ ގޮތުން ޝާހިދު ވިދާޅުވީ، ވަކިން ހާއްސަކޮށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ އިދާރާތައް ވީހާވެސް ގާތުން އެކުގައި މަސައްކަތްކޮށް، ވައިރަހާ ބެހޭ ގޮތުންނާ، މިކަމުގައި އަމަލު ކުރަން އެންމެ ރަނގަޅު އުސޫލުތައް ބަޔާންކޮށްދިނުމުގައި އެއްވެސް ހުރަހެއް ނެތި ސާކް ގައުމުތަކަށް މައުލޫމާތު ބަދަލުކުރެވޭނެ އިންތިޒާމުތައް ހަމަޖެހުންވެސް މުހިންމުކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ޝާހިދު ފާހަގަކުރައްވާފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ އިގުތިސޯދީ އަސަރުތަކެވެ. އެގޮތުން ދެކުނު އޭޝިއާ ސަރަހައްދަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެކަން ފާހަގަކުރައްވާ، ގެއްލުންވާ ގައުމުތަކަށް އަމާޒުކޮށްގެން ރިލީފް ޕެކޭޖުތަކެއް ތައާރަފުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ޝާހިދު އަލިއަޅުއްވާލައްވާފައިވާކަމަށް ދަ ހިންދޫއިން ބުނެއެވެ. ރާއްޖެއަށް މިސާލު ޖައްސަވަމުން ޝާހިދު ވަނީ، މި ގައުމުގައި އެކުލަވާލާ ޕެކޭޖެއްގައި، ލިބެމުންދާ އާމްދަނީއަށް އައި އުނިކަމުގެ ފަރަގު ފޫބައްދާނެ އެހީގެ ބަޖެޓެއް ހިމަނުއްވާނެކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ދިގު މުއްދަތުގެ ރާސްތާއަށް ބަލާ ސަރަހައްދީ ފެންވަރުގެ ރިކަވަރީ ޕްލޭންއަކާ ބެހޭ ގޮތުން މަޝްވަރާކުރުން މުހިންމުކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖެއަށް ރިއާޔަތްކުރާނަމަ ފަތުރުވެރިކަމުގެ ސިނާއަތް ހެޔޮ ފާލަކަށް އޭޅުވުމާ، ސަރަހައްދީ ބޮޑެތި ސިޓީތަކާ ގުޅުން ބަދަހިކޮށް، ދެމެހެއްޓެނެވި ސަރަހައްދީ ތަރައްގީއަށް އަހުލުވެރި ކުރުވުން ފަދަ ކަންކަން ހިމެނޭކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. މިއާއެކު ފަތުރުވެރި ރިސޯޓްތަކުގައި ޕްރައިވެޓް އިންވެސްޓްމަންޓް އިތުރުކުރުމާ، ފަތުރުވެރިން އަންނަ މިންވަރު އިތުރު ކުރުމަށް އިންފްރާސްޓްރަކްޗާ ބިނާ ކުރުމަކީ ދިވެހިރާއްޖެއަށް އިގުތުސޯދީ ކުރިއެރުން ހާސިލުވާނެ ކަންތައްތަކެއްކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް ދިވެހި ސަރުކާރުން ދުރާލާ އަޅަމުންދިޔަ ފިޔަވަޅުތަކާ އަދުގެ ހާލަތާ ބެހޭ ގޮތުން އިންޑިއާގެ ދުވަހު ނޫހާ ތަފްސީލީ މައުލޫމާތުތަކެއްވެސް ހިއްސާކުރައްވާފައެވެ.