ދުނިޔޭގެ އެކި ކަންކޮޅުތަކުން 3 މިލިއަނަށް ވުރެ ގިނަ މީހުން އެ ބައްޔަކަށް ޕޮޒިޓިވް ވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސް-ކޯވް-2) އަކީ ގުދުރަތީ ގޮތުން އުފެދިފައި ވާ ވައިރަހެއް ކަން ސާބިތުވާ ހެކި ލިބިފައި ވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނަމުން ދާ ބުނުން، އެ އިދާރާއިން ތަކުރާރު ކޮށްފިއެވެ.
ޑަބްލިއު.އެޗް.އޯއިން މިކަން ތަކުރާރު ކޮށްފައި މިވަނީ، ސާސް-ކޯވް-2 އަކީ ޗައިނާގެ ލެބެއްގެ އުފެއްދުމެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަރުގަދަ ދައުވާއެއް ކުރައްވާ، އެކަން އާންމު ކުރެއްވިތާ ގާތްގަނޑަކަށް 1 ދުވަސް ފަހުންނެވެ.
ސައެންސްވެރިން ގަބޫލުކުރާ ގޮތުގައި ކޮވިޑް-19 ޖައްސާ ވައިރަސް އިންސާނުންގެ ހަށިގަނޑަށް 'ފުންމާލާފައި' ވަނީ ޖަނަވާރުންގެ ކިބައިންނެވެ. މި ވައިރަހުގެ ހަގީގީ ފެށުމަކީ ކޮބައިކަން އަދިވެސް ޔަގީނާ ގާތަށް ކަށަވަރު ވެފައި ނުވާ އިރު، ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއް ދަނީ އަމާޒު ވަމުންނެވެ. އެހެނީ، މި ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ، ޗައިނާގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުން ދިޔަ ސީފުޑް މާކެޓެއް ހިންގާ ވޫހާން ސިޓީއިން ކަމަށް ވާތީއެވެ.
ޑަބްލިއު.އެޗް.އޯއިން ވާޗުއަލް ޕްލެޓްފޯމުގައި ކުރިއަށް ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރަމްޕްގެ ދައުވާއާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ އިދާރާގެ ކުއްލި ނުރައްކާތަކާ ބެހޭ އިސްވެރިޔާ ޑރ މައިކް ރާޔަން ވިދާޅުވީ، މިކަމާ ބެހޭ ގޮތުން ސައެންސްވެރިން ފޯރުކޮށްދެމުންދާ މައުލޫމާތުތައް ތަކުރާރުކޮށް ބައްލަވަމުން ގެންދަވާ ކަމަށެވެ.
މި ހުރިހާ ވާހަކަތަކެއް އަޑުއިވިވަޑައިގެންފައި އިވާއިރު، ސާސް-ކޯވް-2 އަކީ ގުދުރަތީ ގޮތުން އުފެދިފައިވާ ވައިރަހެއް ކަން ވަރަށް ބޮޑަށް ޔަގީން ކުރެވިފައި ވާކަމަށްވެސް ޑރ ރާޔަން ވަނީ ފާހަގަ ކުރައްވާފައެވެ.
އެމެރިކާގެ ދައުވާތަކަށް ޗައިނާއިން އިންކާރު ކުރާއިރު އެގައުމުން ދަނީ ބަލީގެ އަސްލު ދެނެގަތުމަށް ދިރާސާތަކެއް ކުރަމުންނެވެ. ކަންމިހެން އޮތްއިރު ޑަބްލިއު.އެޗް.އޯއިން ވަނީ މިފަދަ ދިރާސާތަކުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް ޗައިނާއިން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ މިނިވަން ތަހުގީގަކަށް ފުރުސަތު ދެވެން ނެތްކަމަށް އިޝާރާތް ކޮށްފައެވެ.
ވައިރަހުގެ އަސްލާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޑރ ރާޔަން ވިދާޅުވީ، މި ވައިރަހުގެ ގުދުރަތީ ހޮސްޓަކީ ކޮބައިކަން އެނގުން މުހިންމު ކަމަށާ، ޖަނަވާރުންގެ ކިބައިން އިންސާނުންގެ ހަށިގަނޑަށް ވައިރަސް ދަތުރު ކުރުމަށް އޮތް ހުރަސް 'ފޫއެޅުނީ' ކޮންގޮތަކަށް ތޯ ވެސް ބަލަންޖެހޭ ކަމަށެވެ.
މިކަންކަން އެނގުމަކީ ތަކުރާރު ވިޔަ ނުދިނުމަށް ކޮންމެހެން ބޭނުން ކަމެއް ކަންވެސް ޑރ ރާޔަން ވަނީ ފާހަގަ ކުރައްވާފައެވެ.
ޑަބްލިއު.އެޗް.އޯއިން ވަގުތު ބޭކާރެއް ނުކުރޭ
މިދަނޑިވަޅަކީ ޓްރަމްޕްގެ ފާޑުވިދާޅުވުންތައް ޑަބްލިއު.އެޗް.އޯއަށް ވެސް އޭގެ އެންމެ އިންތިހާއަށް އަމާޒު ކުރައްވަމުން ގެންދަވާ ދަނޑިވަޅެކެވެ. ޑަބްލިއު.އެޗް.އޯއަކީ ޗައިނާގެ ޕީއާރް ކުންފުންޏެއް ކަމުގައިވެސް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ. ކަން މިހެން އޮތް އިރު، ޑަބްލިއު.އެޗް.އޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ މިފަދަ ފާޑުވިދާޅުވުންތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
ހުކުރު ދުވަހުގެ ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ޑަބްލިއު.އެޗް.އޯއިން އެއްވެސް ވަގުތެއް ބޭކާރުކޮށްފައި ނުވާނެ ކަމަށާ، ކޮވިޑް-19އަކީ އާންމު ސިއްހަތުގެ ބައިނަލްއަގުވާމީ ކުއްލި ނުރައްކަލުގެ ހާލަތުގައި އޮތް ބަލިމަޑުކަމެއް ކަމުގައި އެ އިދާރާއިން ކަނޑައަޅާ، އާންމު ކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އަދި މިކަމާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ގައުމުތަކަށް އޭރު ފުރުސަތު އޮތްކަންވެސް ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19ގައި ޑަބްލިއު.އެޗް.އޯއިން އަމަލުކުރަމުން ދާ ގޮތް ވިލަރެސް ކުރާ ކޮމިޓީން ބައްދަލުވުމަށް ފަހު، ދަތުރުފަތުރު ކުރުމުގައި އަޅަންވީ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭ ގޮތުން ޑަބްލިއު.އެޗް.އޯއިން ދޭ އިރުޝާދު އަދާ ހަމަ ކުރުމަށް އެ ކޮމިޓީން ވަނީ އިރުޝާދު ދީފައެވެ.